އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމަ އަށް އެ ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ރިސެސް މުއްދަތުގައި ޝަރީއަތުގެ އަޑުއެހުންތައް ނުބޭއްވިޔަސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ރަސްމީ މަސައްކަތުގެ އެންމެ ފަހު ދުވަހުން ފެށިގެން ޖެނުއަރީ މަހާ ހަމައަށް ސުޕްރީމް ކޯޓާއި ހައި ކޯޓު އޮންނާނީ ރިސެސްގަ އެވެ. އަދި ޑިސެމްބަރު މަސް ފެށުމާ އެކު ސުޕީރިއާ ކޯޓުތައް ވެސް 15 ދުވަހުގެ ރިސެސްއަކަށް ދާނެ އެވެ.
އާންމު އުސޫލުން ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ނުބޭއްވިޔަސް، ކޮންމެހެން ބާއްވަންޖެހޭ އަޑުއެހުންތައް ބޭއްވުމާއި ނިންމުންތައް ނިންމުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.