ބައިނަލްއަގްވާމީ ފަރާތްތަކާއި ބިދޭސީންގެ މައްޗަށް ނެރޭ ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުު އޮންނަ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގެ ސަރަހައްދީ އިހްތިސާސް ނުހިނގާ ފަދަ ސަރަހައްދެއްގައި ހުރި މީހަކު ނުވަތަ ބައިނަލްއަގްވާމީ ފަރާތެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް އަމުރު ނެރެވިދާނެ އެވެ. އެކަމަކު އެފަދަ އަމުރު ނެރެން ޖެހެނީ ކޮން ބަހަކުން ކަމެއް އެ ގަވާއިދަކު ނޯވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ ބައިނަލްއަގްވާމީ ފަރާތަކުން އެދިގެން ނެރޭ އަމުރުތަކާއި ބިދޭސީންގެ މައްޗަށް ނެރޭ އަމުރުތައް އެ މީހުންނަށް ދޭހަވާ ފަދަ ބަހަކުން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ، ކޯޓު އަމުރުތައް ހުންނަންޖެހޭ ފޯމެޓާ އެއްގޮތަށް އިނގިރޭސި ބަހުން އަމުރުތައް ނެރެވިދާނެ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޯޓު އަމުރުތައް އަބަދުވެސް ނެރެނީ ދިވެހި ބަހުންނެވެ. އެކަމަކު ވަރަށް މަދު ހާލަތްތަކުގައި، އަމުރު ނެރުމަށްފަހު އިނގިރޭސި ބަހަށް އެ އަމުރުތައް ތަރުޖަމާ ކުރެ އެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީ، 2018 ގެ އަމުރު ނެރުމަށް ފަހު އެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ފަހުން ނެރުނެވެ.