ރައީސް އަބްދުﷲ ޔާމީން ރ. މަޑުއްވަރިއަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި ރައީސާ ދެކޮޅު ލިޔުންތަކާ އެކު ހަރުކުރި ބެނާތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގައިފި އެވެ.
ބެނާތައް ނަގަން އަމުރު ނެރެފައި ވަނީ ރޭ ދަންވަރު އުނގޫފާރު މެޖިސްޓްރޭޓް ކޯޓުންނެވެ. ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މަޑުއްވަރީއަށް ވަޑައިގަތީ މިއަދު ހެނދުނު އެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ އެގޮތަށް އަމުރު ނެރެނީ ރައީސްގެ ދަތުރުފުޅާ ގުޅިގެން ހަމަޖެހުން ނަގާލަން ބަޔަކު ރާވާ ކަމަށް ތުހުމަތުކުރެވޭތީ އާއި ރަށުގެ މަގުތަކުގައި ހަޑިހުރުތު ބަސްތައް ލިޔެފައި ހުރުމުންނާއި އާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލުކުރާތީ އެވެ. އަމުރު ނެރޭ ވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި ބެނާތައް ނަގަން ކުރި އަމުރާ އެކު ފުލުހުން ވަނީ ރޭ ދަންވަރު ހުރިހާ ބެނާއެއް ނަގައިފަ އެވެ.
މި ދަތުރުފުޅުގައި ރައީސް މިއަދު ހަވީރު އެ އަތޮޅު މީދޫ އާއި ފައިނަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި، އެ ރަށްރަށުގައި ހިންގި ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރާނެ އެވެ.