ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އިންޑިއާ މީހުން ބޭންކަށް ނުލައި ފޮރުވައިގެން ގެންގުޅުނު "ކަޅު ފައިސާ" ހުއްޓުވަން ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިިދިޔަ އަހަރު އެޅި ފިޔަވަޅުން ނަތީޖާއެއް ނުކުމެފައި ނުވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
މޯދީގެ ސަރުކާރުން މިދިޔަ އަހަރު ވަނީ 500 އާއި 1،000 ގެ ނޫޓު ކުއްލި ގޮތަކަށް އުވާލައިފަ އެވެ. ނޮވެމްބަރު 8 ވަނަ ދުވަހު ގައުމާ މުޚާތަބް ކުރައްވާ މޯދީ ވިދާޅުވެފައި ވަނީ އެރޭ 12 އިން ފެށިގެން 500 އާއި 1،000 ރުޕީސްގެ ނޫޓު މަނާ ކުރީ ކަޅު ފައިސާ ހުއްޓުވުމަށް ކަމަށެވެ. އޭގެ ފަހުން ވަނީ އެ ނޫޓްތައް ބޭންކްތަކުން ބަދަލު ކުރަން މުހުލަތެއް ދީފަ އެވެ. މި އަހަރުގެ ޖޫން 30 ގެ ނިޔަލަށް ދިން އެ މުހުލަތުގެ ތެރޭގައި 15.28 ޓްރިލިއަން ރުޕީސް (242 ބިލިއަން ޑޮލަރު) ބޭންކިން ނިޒާމުގެ ތެރެއަށް ވައްދާފައި ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. މިއީ ވަގު ފައިސާ ކަމަށް ލަފާކޮށްފައިވާ އަދަދުގެ 99 ޕަސެންޓެވެ.
އިންޑިއާ ސަރުކާރުން އޭރު ލަފާކޮށްފައި ވަނީ މަތީ އަދަދުގެ ނޫޓުތައް މަނާކުރުމުން ޑިކްލެއާ ނުކޮށް ފޮރުވައިގެން ފައިސާ ގެންގުޅޭ މީހުން ސައްހަ ފައިސާ އަށް ބަދަލު ކުރަން އުނދަގޫ ވާނެ ކަމަށެވެ.
އިންޑިއާ އިން އެޅި ފިޔަވަޅުގެ ސަބަބުން އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އިންޑިއާގައި ބޭނުން ކުރާ 500 އާއި 1،000 ރުޕީސް އަކީ އެ ގައުމުގައި ދައުރުވާ ފައިސާގެ 85 ޕަސެންޓެވެ. ފައިސާ ނަގަން ގިނަ ބަޔަކު ބޭންކުތަކުގައި ކިޔޫ ޖެހި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. ބޭންކުތަކުގައި ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ސިފައިން ނެރެން ޖެހުނެވެ. އޭޓީއެމްތަކުން އަވަސް އަވަހަށް ފައިސާ ހުސްވެ އެވެ.
އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބޭންކު އެކައުންޓެއް ނޯވެ އެވެ. އަަދި ގާތްގަނޑަކަށް 300 މިލިއަން މީހުންގެ އަތުގައި އެ މީހުންނަކީ ކާކުކަން އެނގޭ ސަރުކާރުގެ ރަސްމީ ލިޔުމެއް ވެސް ނޯވެ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ މޯދީގެ ސަރުކާރުން މާލީ ނިޒާމަށް މުސީބާތެއް ގެނައި ކަމަށް ބުނެފަ އެވެ. އަދި ފައިސާގެ ބޮޑެތި އަދަދުތައް މަނާކުރުމުން ރައްޔިތުންނަށް ލިބުނު ގެއްލުމަށް ސަރުކާރުން މައާފަށް އެދުމަށް ވަނީ ގޮވާލައިފަ އެވެ.