ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަސްއޫލިއްޔަތުތަކުން ޔޫސުފް ސިރާޖު ވަގުތީ ގޮތުން އެކަހެރި ކޮށްފައި ވަނިކޮށް، ރަސްމީ ދަތުރެއްގައި ޗައިނާގައި އުޅުއްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައި ވަނިކޮށް، ރަސްމީ ދަތުރެއްގައި ވެމްކޯގެ ޓީމަކާ އެކު ސިރާޖު ޗައިނާ އަށް ފުރާވަޑައިގަތީ އެނގިފައިވާ ގޮތުގައި މި ހަފުތާ ފެށުނުތަނާ ހެންނެވެ.

އެކަމަކު، އެ ކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަން ވެމްކޯ އިން ދެކޮޅު ހަދަ އެވެ.

ސިރާޖު ސަސްޕެންޑް ކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމީ އޭނާއާ ގުޅޭ މައްސަލަ ބަލައި ނިމެންދެންނެވެ.

ސިރާޖު ސަސްޕެންޑް ކުރީ ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ވަންނަވައި ކޮމިޓީގެ މުވައްޒަފަކު ވަކި ކުރި ކަމުގެ ތުހުމަތުގަ އެވެ.

ފުރައްސާރައިގެ މައްސަލަ ބަލަނިކޮށް ކޮމިޓީގެ މުވައްޒަފަކު ވަކިކޮށް، ސިރާޖު ބޭނުންވާ މީހަކު އައްޔަން ކުރެއްވި ކަމަށް ޕީސީބީން ބަލާ މައްސަލާގައި ވެ އެވެ. އެއީ ސިރާޖްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ތުހުމަތު ވެސް ޕީސީބީން ވަނީ ކޮށްފަ އެވެ.