ކެއްސާ ނަމަ އެންމެ ފުރަތަމަ އެންޓިބަޔޮޓިކް ދިނުމުގެ ބަދަލުގައި، އެންމެ މޮޅީ މާމުއި އަދި ކެއްސުން ލުއިކުރުމަށް ދޭ އާދައިގެ ބޭހެއް ކަމަށް އިނގިރޭސި ވިލާތުގެ ނެޝަނަލް އިންސްޓްޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް (ނައިސް) އިން ބުނެފި އެވެ.
ނައިސްގެ އާ ގައިޑްލައިންގައި ބުނީ ކެއްސުން ރަނގަޅުކުރުމަށް އެންޓިބަޔޮޓިކް ދޭންޖެހޭނީ ވަރަށް ނާދިރު ހާލަތެއްގައި ކަމަށާއި އެއީ، އެންޓިބަޔޮޓިކުން ރަނގަޅުވާ ކެއްސުން ވަރަށް މަދުން ނޫނީ ނުޖެހޭތީ ކަމަށެވެ. ގައިޑްލައިންގައި ބުނި ގޮތުގައި އާންމު ގޮތެއްގައި ޖެހޭ ކެއްސުން، ފަރުވާއެއް ނުކުރި ނަމަވެސް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވާ ކަމަށެވެ.
އާ ގައިޑްލައިން ނެރެފައި ވަނީ އެންޓިބަޔޮޓިކް ދިނުން މާބޮޑަށް އާންމުވެ، އެއިން ބަލިތަކަށް ފަރުވާ ނުކުރެވޭ މައްސަލަ އާންމުވާތީ އެކަން ހައްލުކުރުމުގެ ގޮތުންނެވެ.
ނައިސް އިން ބުނި ގޮތުގައި، ކެއްސުން ލުއިކުރުމަށް އާންމުކޮށް ބޭނުންކުރާ މާމުތަކީ އެކަމަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ކަމުގެ ހެކި އެބަހުއްޓެވެ. އެގޮތުން، ހޫނު ބުއިމަކާ އެކު މާމުތް ބޭނުންކުރުމާއި ކެއްސާތީ ބޯ ޑޮކްޓަރީ ބޭސް ބޭނުންކުރުމަށް ފަހު، ލުއި ވޭތޯ ބެލުމަށް ލަފާ ދީފައިވެ އެވެ.
އެންޓިބަޔޮޓިކް ބޭނުންކުރުމާ ހިސާބަށް ދާންޖެހޭނީ މި ފަރުވާތައް ކުރުމަށް ފަހު، ރަނގަޅުވާހާ ދުވަސްކޮށްފައި ބަދަލެއް ނުފެނިއްޖެ ހިނދެއްގައި ކަމަށް އަލަށް ދިން ލަފާގައި ވަނީ ބުނެފަ އެވެ.
ނަމަވެސް، ދާއިމީކޮށް ފަރުވާކުރަންޖެހޭ ބަލިތައް ހުންނަ މީހުންނާއި އާދަޔާ ޚިލާފް ކަމަށް ބެލެވޭ ކެއްސުންތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުންގެ ލަފަޔާ އެކު ފަރުވާ ހޯދުމަށް ލަފާ ދީފައިވެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ކެއްސާތީ ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން 48 ޕަސެންޓް މީހުންނަށް ޑޮކްޓަރުން އެންޓިބަޔޮޓިކް ދެ އެވެ.