ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ހިތުގެ މައްސަލަތަކެއް ކުރިމަތިވެ ހޮސްޕިޓަލުގަައި އެޑްމިޓްކޮށްގެން ފަރުވާދޭން އެވެ.
ރާޖަޕަކްސާގެ އަރިސްބޭފުޅުންނާ ހަވާލާދީ. ޑެއިލީމިރާ ނޫހުން ބުނީ ހިތުގެ މައްސަލަތަކެއް ދިމާވެގެން، ނަވަލޯކާ ހޮސްޕިޓަލްގައި އޭނާ އެޑްމިޓްކުރީ މިއަދު ހެނދުނު ކަމަށެވެ. ރާޖަޕަކްސާގެ ހާލަތު ގޯސްވީ އަމިއްލަފުޅު ގޭގައި ހުންނަވަނިކޮށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އައިސީޔޫގައި ރާޖަޕްސާއަށް ފަރުވާދެމުން އަންނަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުންނެވެ.
ރާޖަޕަކްސާގެ އަރިސްބޭފުޅުން ޑެއިލީމިރާއަށް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އޭނާ ވަނީ ހިތުގެ ގިނަ ޓެސްޓްތަކެއް ވެސް ހައްދަވައިފަ އެވެ.
ރާޖަޕަކްސާގެ ސިއްހީ ހާލުކޮޅު ގޯސްވެފައި މިވަނީ އަނބިކަނބަލުން ޝިރާންތީ ރާޖަޕްކްސާ ހައްޔަރުކުރިތާ ތިން ދުވަސް ފަހުންނެވެ. ލަންކާ ސަރުކާރުން ޝިރާންތި ހައްޔަރުކުރީ ކުރީގެ ވެރިންގެ ކޮރަޕްޝަން ތަހުގީގުކުރަން ހިންގާ ހަރަކާތުގަ އެވެ.
ލަންކާ ސަރުކާރުން ޝިރާންތިއަށް ކުރީ ރާޖަޕަކްސާ ވެރިކަމުގައި ހުންނެވި އިރު ޝިރާންތި ހިންގެވި، އެހީދޭ ޖަމިއްޔާއަކަށް ލިބުނު ފައިސާ ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި ލަންކާ ފުލުުހުން ފުރަތަމަ އޭނާއާ ސުވާލުކުރީ ދިރިއުޅުއްވާ ގެކޮޅުގަ އެވެ. އޭގެ ފަހުން ކޯޓަކަށް ހާޒިރުކުރުމުން އަމުރުކުރީ އޭނާ ބަންދުކުރާށެވެ.