ރާއްޖޭގެ ބޭންކިން ދާއިރާގެ 60 ޕަސެންޓް ލޯނު ދޫކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ނޭޝަނަލް ޕެންޝަން ފަންޑުގެ ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސާ (ސީއެފްއޯ) އަބްދުލް ހަލީމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ދެއްވި ހާއްސަ ޕްރެޒެންޓޭޝަންގައި ހަލީމް ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާ އަށް ބަލާއިރު، ބީއެމްއެލް އަކީ ވަރަށް މުހިއްމު އިދާރާއެއް ކަމަށެވެ.

"ބޭންކިން ދާއިރާ އަށް ޑިޕޮސިޓް ކުރާ 52 ޕަސެންޓް ކޮންޓްރޯލް ކުރަނީ ބީއެމްއެލް އިން. ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ 60 ޕަސެންޓް ކޮންޓްރޯލް ކުރަނީ ބީއެމްއެލް އިން،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެ ބޭންކަށް ފައިދާ އިތުރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ރާއްޖޭގެ ބޭންކިން ދާއިރާއަށް މިދިޔަ އަހަރުތަކުގައި އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ހަލީމް ވިދާޅުވި، 2005 ވަނަ އަހަރާ އަޅާ ބަލާ އިރު 2017 ވަނަ އަހަރާ ހަމަޔަށް ބޮޑެތި ކުރިއެރުންތަކެއް މި ދާއިރާއަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ 11 އަހަރު ފަސް ބޭންކުން، އަށް ބޭންކިން އިންސްޓިޓިއުޓަށް އިތުރުވެފައިވާ އިރު 17 ބްރާންޗުން 44 ބްރާންޗަށް ވަނީ އިތުރުވެފަ އެވެ. އަދި 16 އޭޓީއެމް އިން 117 އޭޓީއެމަށް އިތުރުވެފައިވާ އިރު ދެ އިންޝިއުރެންސް ކުންފުނިން ފަސް އިންޝިއުރެންސް ކުންފުންޏަށް ވަނީ ބަދަލުވެފައިވެ އެވެ.

ބޭންކިން ދާއިރާގައި ބީއެމްއެލްގެ ހިއްސާ ބޮޑު އިރު އެކުންފުނީގައި 279،000 ކަސްޓަމަރުން އެބަ ތިއްބެވެ. އެބޭންކުން އާންމުންނާއި ކުންފުނިތަކަށް 12.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ އިރު ސަރުކާރުގެ ލޯނު ސްކީމްތަކަށް އެއް ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ގައުމީ ބޭންކަށް 17 ބިލިއަން ރުފިޔާ ޑިޕޮސިޓް ފައިސާގެ ގޮތުގައި ލިބިފައިވާ އިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ކުންފުނީގެ 37 ބްރާންޗު ވަނީ ގާއިމްކޮށްފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.