ސިއެޓްލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިއަދު އެކުއެޑޯ 2-1 އިން ބަލިކޮށް މުބާރާތް ބާއްވާ ގައުމު އެމެރިކާ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން ބަލިވި ނަމަވެސް އެމެރިކާ އިން ވަނީ ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މިއަދުގެ މެޗުގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗު ފެށިގެން 22 ވަނަ މިނިޓްގައި އެމެރިކާ އަށް ލީޑު ނަގައިދިނީ ކްލިން ޑެމްޕްސީ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ. ލަނޑު ލިސްޓުގެ އެއް ވަނައިގައި މި ވަގުތު އޮތީ ތިން ލަނޑާ އެކު ޑެމްޕްސީގެ އިތުރުން ބްރެޒިލްގެ ފިލިޕޭ ކޯޓީިނިއޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ.
ދެ ވަނަ ހާފްގެ ކުޅުނުް ފެށިގެން 52 ވަނަ މިނިޓްގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން އެމެރިކާގެ ޖަމެއިން ޖޯންސް އާއި އެކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ޓީމު ވެސް މެޗުގެ 38 މިނިޓް ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.
އެމެރިކާ އިން ލީޑު ފުޅާކުރީ 65 ވަނަ މިނިޓްގައި ގިޔާސީ ޒާޑެސް ޖެހި ލަނޑުންނެވެ. އޭގެ ނުވަ މިނިޓް ފަހުން އެކުއެޑޯގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މައިކަލް އަރޯޔޯ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެމެރިކާގެ ކޯޗު ޔާގަން ކްލިންސްމަން ބުނީ ފުރަތަމަ މެޗުން ބަލިވުމުން ކުޅުންތެރިންގެ އަޒުމަކަށްވީ ފައިނަލު ކުޅުން ކަމަށެވެ.
"ފުރަތަމަ މެޗުން (ކޮލަމްބިއާ) އަތުން ބަލިވުމުން ކުޅުންތެރިން އަޒުމް ކަނޑައެޅި ފައިނަލަށްދާން. ދެން އޮތީ ސެމީ ފައިނަލް. އެ މެޗުން މޮޅުވެގެން އެ ހިސާބަށް ދެވެން އޮތީ. ސަޕޯޓަރުންގެ އެހީއާ އެކު އެކަން ކާމިޔާބު ކުރެވިދާނެ،" ޖަރުމަނުގެ ކުރީގެ ފޯވާޑް ކްލިންސްމަން ބުންޏެވެ.
ސެމީ ފައިނަލުގައި އެމެރިކާ ކުޅޭނީ ކުއާޓާގައި އާދިއްތަ ދުވަހު އާޖެންޓީނާ އާއި ވެނެޒުއޭލާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.