ސިއެޓްލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ކޮޕަ އެމެރިކާގައި މިއަދު ބޮލީވިއާ އަތުން 3-0 އިން މޮޅުވެ، އާޖެންޓީނާ ގްރޫޕް އެއް ވަނައިގެ ގޮތުގައި ކުއާޓާ ފައިނަލުގައި ވެނެޒުއޭލާއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މި މެޗުގެ ކުރިން ފުރަތަމަ ދެ މެޗުން މޮޅުވެ އާޖެންޓީނާ ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ހެޓްރިކް ހެދި ލިއޮނަލް މެސީ ފުރަތަމަ އެގާރައިގައި ނުކުޅެ އެވެ.

ބޮލިވިއާ ކޮޅަށް ރޭ އާޖެންޓީނާގެ ލަނޑުތައް ކާމިޔާބުކުރީ އެރިކް ލަމޭލާ އާއި އެޒެކުއެލް ލަވޭޒީ އަދި ލިއަންޑްރޯ ކުއެސްޓާ އެވެ. މެޗުގެ ދެ ވަނަ ހާފްގައި މެސީ ކުޅެން އެރި އެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން ލަނޑެއް ނުފެނުނެވެ.

އުރުގުއޭ އާއި ބްރެޒިލް ގްރޫޕް ސްޓޭޖުން ކެޓުމުން މިހާރު މުބާރާތުގެ ފޭވަރިޓަކީ އާޖެންޓީނާ އެވެ. މިއަދުގެ މެޗަށް ފަހު އެ ޓީމުގެ ކޯޗު ޓަޓާ މާޓީނޯ ބުނީ އެ ޓީމަކީ ފޭވަރިޓުންގެ ގޮތުގައި ނުދެކޭ ކަމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުން ޗިލީ ވަނީ 4-2 އިން ޕެނަމާ ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލް މެޗުތައް:

އެމެރިކާ - އެކުއެޑޯ (16 ޖޫން)

ޕެރޫ - ކޮލަމްބިއާ (17 ޖޫން)

އާޖެންޓީނާ - ވެނެޒުއޭލާ (18 ޖޫން)

މެކްސިކޯ - ޗިލީ (19 ޖޫން)