ވަރަށް ޒުވާން އުމުރުގައި ވެސް ގިނަ ބަޔަކަށް ހިތުގެ މައްސަލަތައް ޖެހުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހެން ދިމާވާ އެއް ސަބަބަކީ ކެއުމުގެ އާދަތައް ގެންގުޅެވޭ ގޮތެވެ. ތެއްލާފައި ހުންނަ ހެދިކާތައް ކެއުމަކީ މި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ޑޮކްޓަރުން މިދިޔަ ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ކާއެއްޗެހި ތެއްލުމަށް އެއްފަހަރު ބޭނުންކޮށްފައި ހުރި ތެޔޮ ދެ ވަނަ ފަހަރަށް، އެފަދަ ކަމަކަށް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. ސަބަބަކީ މިފަދަ ތެލުން ޓްރާންސް ފެޓް ނިސްބަތުން މާ ބޮޑަށް އިތުރުވާތީ އެވެ. އަދި މިއީ ހިތުގެ ބަލިތައް ޖެހުމުގެ މައިގަނޑު އެއް ވަސީލަތް ކަން ވެސް ޑޮކްޓަރުން ފާހަގަކުރައްވާފައިވެ އެވެ.
އެއިމްސްގެ ޑޮކްޓަރުން ހިމެނޭ ގޮތަށް، ވަރަށް ގިނަ ޑޮކްޓަރުން ހިއްސާވެގެން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކާ އެއްޗެހީގައި ހަތަރު ބާވަތެއްގެ ފެޓްސް ހުރެ އެވެ. އެއީ ސެޗުރޭޓެޑް، އަންސެޗުރޭޓެޑް، މޯނޯ އަދި ޓްރާންސް އެވެ. މީގެ ތެރެއިން އެންމެ ނުރައްކަލީ ޓްރާންސް ފެޓެވެ. މިއީ ތެޔޮގަނޑު ކެކޭ ވަރަކަށް އުފެދޭ އެއްޗެކެވެ. ގިނަ ގަދަވެގެން ނަމަވެސް ތެލުން ދުން އަރައިފި ނަމަ މި ވައްތަރުގެ ފެޓްސް އުފެދެ އެވެ.
ހިތަށް އެންމެ ބޮޑު ގެއްލުމެއް ލިބޭ ޓްރާންސް ފެޓް ހަށިގަނޑަށް ވަންނަ ވަރަށް ގިނަ ގޮތްގޮތް ހުރެ އެވެ. އެގޮތުން ހޮޓާ ހޮޓަލުގައި ތައްޔާރުކުރާ ހެދިކާ އަކީ ޓްރާންސް ފެޓް ވަންނާނެ އެންމެ ބޮޑު ވަސީލަތެވެ. ސަބަބަކީ ގޭގޭގައި ކާލަން ހަދާ ހެދިކާ ތެއްލަން ބޭނުންކުރާ ތެޔޮތައް އެކި ފަހަރު ބޭނުން ނުކުރި ކަމުގައި ވިޔަސް ހޮޓާ ހޮޓަލުގައި އަބަދު އެއް ތެޔޮގަނޑެއް ބޭނުން ކުރާތީ އެވެ. މިގޮތަށް ބޭނުންކޮށްފައި ހުންނަ ތެޔޮ، ވިޔަފާރި އުސޫލުން ކާނާގެ ބާވަތްތައް ހަދާ މަޝްހޫރު ބައެއް ތަންތަނުގައި ބޭނުންކުރާ ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތެޔޮ ހަންހަމަށް އަޅައިގެން އަލުން ބާޒާރަށް ނެރެ ވިއްކާ ކަމުގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ކުރެ އެވެ.
ކައްކަން ބޭނުންކުރާ ތެލުގައި ހަތަރު ގްރާމަށް ވުރެ ގިނައިން ޓްރާންސް ފެޓް ހުރެއްޖެ ނަމަ އެ ތެޔޮ ބޭނުންކުރުމުން ގެއްލުން ވާނެ އެވެ.
އެއިމްސްގެ ޕްރޮފެސާ އޮފް ކާޑިއޮލޮޖީ ސަންދީޕް މިޝްރާ އަކީ މިކަމާ ގުޅޭ ވަރަށް ގިނަ ދިރާސާތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ޑޮކްޓަރެކެވެ. އޭނާ އިންޑިއާ ޓައިމްސް އަށް ވިދާޅުވެފައިވާ ގޮތުގައި ކައްކާ ތެޔޮ އެތައް ގަޑިއިރެއް ވަންދެން ކެއްކުމުންނާއި އެއް ފަހަރު ބޭނުންކުރާ ތެޔޮ އަނެއް ފަހަރު ބޭނުން ކުރުމަކީ ޓްރާންސް ފެޓް ވަރަށް ގިނައިން އުފެދޭނެ ކަމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްޓަޑް އޮއިލް އާއި ޒައިތޫނި ތެލަކީ ކެއުމަށް އެންމެ ރަނގަޅު ތެޔޮ ކަމަށް ބެލެވިފައިވީ ނަމަވެސް މިއީ އެއްޗެހި ތެލުލަން ރަނގަޅު ތެލެއް ނޫނެވެ. އޭނާ ވިދާޅުވީ ކާއެއްޗިއްސަށް އަޅައިގެން ބޭނުންކުރަން މި ތެޔޮ ރަނގަޅު ކަމަށާއި މަސްޓަޑް އޮއިލް ބޭނުންކުރާއިރު ކުޑަ ގިތެޔޮކޮޅަކާ އެއްކޮށްގެން ބޭނުންކުރުމުން ސަރުބީ ބެލެންސް ކުރެވޭނެ ކަމަށެވެ. އަދި ޒައިތޫނު ތެޔޮ ރަނގަޅީ ކާ އެއްޗެހީގެ މައްޗަށް ކުޑަކޮށް ބުރުވާލައިގެން ބޭނުންކުރަން ކަމަށާއި މިއި ކެކިގަތުމުން ވަރަށް ގިނައިން ޓްރާންސް ފެޓް އުފެދޭ ތެލެއް ކަމަށް ޑރ. މިޝްރާ ވިދާޅުވި އެވެ.
އެއިމްސްގެ ޕްރޮފެސާ އޮފް އެންޑޮކްްރައިނޮލޮޖީ ނިކިލް ޓަންޑަން މި ރިޕޯޓަށް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ މީހަކު ވެސް ބޭނުންކުރަން ޖެހޭނީ މަހަކު 0.5 ލިޓަރުގެ ފެޓްސް އެވެ.
ބައެއް ގައުމުތަކުގައި ކާށިތެޔޮ ވެސް އެއްޗެހި ތެލުލަން ބޭނުންކުރާކަން ފާހަގަކޮށް ރިޕޯޓްގައި ބުނީ މިއީ ވެސް ހިތުގެ ބަލިތައް ޖެހުން އިތުރުވެގެންދާ ސަބަބެއް ކަމަށެވެ. އަދި ޕާމް އޮއިލް އަކީ ވެސް ހޫނުވުމުން ވަރަށް ގިނައިން ޓްރާންސް ފެޓް އުފެދޭ ތެލެއް ކަމަށާއި އެއީ ވެސް އެއްޗެހި ތެލުލަން ކަމުދާ ތެލެއް ނޫން ކަން ފާހަގަކޮށްފައިވެ އެވެ،
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނާ ގޮތުގައި އިންޑިއާ އާއި އެނޫންވެސް ގިނަ ގައުމުތަކުގައި ހިތާއި ސިކުނޑި އާއި ގުޅިފައިވާ ނިޒާމަށް ޖެހޭ ބަލިތައް ނުވަތަ ކާޑިއޯވެސްކިއުލާ ޑިޒީޒަސް (ސީވީޑީ) އަކީ އެންމެ ގިނަ ބަޔަކު މަރުވާން މެދުވެރިވާ ބަލިތައް ކަމަށެވެ. ހިތާއި ސިކުނޑިއާއި ގުޅިފައިވާ ބޮޑެތި ލޭ ހޮޅިތަކަށް ގެއްލުންވުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހެން މެދުވެރިވާ ކަމަށެވެ. އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބަކީ ވެސް މިއީ އެވެ.