މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
މި ބިލުގެ ބޭނުމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައެޅުމާއި ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުމާއި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލު އެކުލަވާލާފައި ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭނެ އިންތިޒާމެއް ހިމެނޭ ގޮތަށެވެ.
މުދާ ވިއްކުމާއި ހިދުމަތްދިނުމުގައި ދިމާވާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ "ކޮންސިއުމާ އޮމްބަޑްސްމަން"ގެ މަގާމު އުފައްދައި، އޭނާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ކޮންސިއުމާ އޮމްބަޑްސްމަން އަކީ ތަކެތި ގަންނަ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަނެ، ވިއްކާ މުދަލުގައި ހުންނަ މައްސަލަތައް ހުށަހެޅޭނެ ފަރާތެކެވެ.
މުދާ ގަންނަ ފަރާތްތަކާއި ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނެއް މިހާރު ވެސް އޮވެ އެވެ. އެކަމަކު މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ އެ ގާނޫނު، އާ ބިލުން އުވި، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ އެވެ.
މިބަލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 11 ގެ ނިޔަލަށެވެ. ހިޔާލުތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ.