މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އިމާރާތްތަކުގެ ކުލީގެ އިންފްލޭޝަން ރޭޓު 4.71 ޕަސެންޓް އިތުރުވެއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ނެރެފައިވާ އިންފްލޭޝަން ރިޕޯޓްތައް ދައްކާ ގޮތުގައި މިދިޔަ މާޗު މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ކުލީގެ އިންފްލޭޝަން އިތުރުވީ 0.04 ފަސެންޓެވެ.
ކުލީގެ އިންފްލޭޝަން ރޭޓު އިތުރުވެފައިވަނީ މާލެއިންނެވެ. އެގޮތުން ފާއިތުވި އެއް މަސް ތެރޭ މާލޭގައި އިންފްލޭޝަން ރޭޓު ހުރީ 0.05 ގަ އެވެ. އަތޮޅު ތެރޭގައި އެއްވެސް ބަދަލެއް ނާދެ އެވެ.
އެއް އަހަރު ދުވަހުގެ ރިޕޯޓްތައް ދައްކާ ގޮތުގައި މާލޭގެ ގެތަކުގެ ކުލީގެ އިންފްލޭޝަން ރޭޓު ވަނީ 4.93 ޕަސެންޓަށް އަރައިފަ އެވެ. މި ދުވަސްކޮޅުގެ ތެރޭގައި ވެސް އަތޮޅު ތެރޭގެ ކުލީގެ އިންފްލޭޝަން ރޭޓަށް އެއްވެސް ބަދަލެއް ނާދެ އެވެ.
މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓު ވެސް ވަނީ އެއް އަހަރު ތެރޭގައި 0.87 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން މާލެއިން 2.12 ޕަސެންޓް އިތުރުވެފައި ވާއިރު އަތޮޅުތަކުން އިތުރުވެފައިވަނީ 0.24- ޕަސެންޓެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް އިންފްލޭޝަން ރޭޓު އިތުރުވި މިންވަރު މަތިވެފައި ވާއިރު މިއީ މި އަހަރު ތެރޭގައި އިންފްލޭޝަން ރޭޓު މިންވަރު މަތިވި ފުރަތަމަ ފަހަރެވެ.