ކޮންޒިއުމާ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އަދި ވެސް އޮންނާނެ ކަމަށް، އެ އިވެންޓް ބާއްވާ ބްލަކް އިން މިއަދު ބުނެފި އެވެ.
ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނުން ފެށިގެން، ފުޑް އެންޑް ބެވަރޭޖް، ފެޝަން އެންޑް ލައިފްސްޓައިލްގެ މަޝްހޫރު ސާމާނުތައް ދައްކާލާ ފެއާ އަށް މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފެއާގައި ބޮޑެތި ކުންފުނިތަކުން މިހާރު ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ކޮންޒިއުމާ ފެއާ މިހާރު ބާއްވަން ހަމަޖައްސާފައިވަނީ އާޓް ގެލެރީގައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމަ އަށް، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. އެންމެންނަށް ވެސް ހިލޭ ވަދެވޭ ގޮތަށް ބާއްވާ ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ފެއާގައި ދައްކާލާ ސާމާނުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޗެންބާ އޮފް ކޮމާސް (އެމްއެންސީސީއައި) އާއި އިކޮނޮމިކް މިނިސްޓްރީން އެންޑޯޒްކޮށްފައިވާ މި ފެއާ އަކީ، ކުންފުނިތަކުން ވިއްކާ ހުރިހާ ސާމާނެއް އެއް ތަނަކުން ދައްކާލުމުގެ ފުރުސަތު ލިބޭނެ ފެއާއެެކެވެ.
ފެއާ ކުރިއަށް ދާއިރު ސްޓޯލްތަކުން ކޮންމެ ގަޑިއަކު އެއްފަހަރު ހާއްސަ ގުރުއަތުލުންތައް ބާއްވައި، އިނާމުތައް ދޭނެ އެވެ. އަދި ކޮންމެ ދުވަހަކު ބޮޑު އިނާމެއް ވެސް ދޭނެ އެވެ.
"މިހާރު" އިން މީޑިއާ ޕާޓްނަރުކަން ނަގާފައިވާ ފެއާގެ ސްޕޮންސަރަކީ ބީއެޗްއެމް އެވެ. އެހެން ޕާޓްނަރުންނަކީ ދިރާގު، ޕްރިންޓް ލެބް، އިވެންޓް މޯލްޑިވްސް އަދި ޝޭޑީ ކެބިން ރެންޓަލްސް އެވެ.