މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއެކު، ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ މައްސަލަތަކުގެ އަސަރުކޮށް، މިއިން ޒަމާނަކު ކުރިމަތިނުވާހާ ބޮޑެތި މައްސަލަތައް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖިނާހު ރޭ ވިދާޅުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލު ކުރާ އަމިއްލަ ޖަމިއްޔާ، މަސީއަށް 25 އަހަރު ފުރުން ފާހަގަކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާގައި ޖަނާހު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކާރިސާއެއް ނުވަތަ ދަތިކަމެއްގެ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ އިމާރާތް ކުރުމުގެ ސިނާއަތަށް ކަމަށެވެ. އޭގެ މިސާލުތަކުގެ ގޮތުގައި އޭނާ ދެއްކެވީ 1990 ވަަނަ އަހަރު ކުރި ފުރަތަމަ ގަލްފް ހަނގުރާމަ އާއި 2004 ވަނަ އަހަރުގެ ސުނާމީ އާއި 2008 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސް އެވެ.
"މި ހުރިހާ ހާލަތްތަކެއްގައި ވެސް އެންމެ ފުރަތަމަ، އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭ އިންޑަސްޓްރީއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ. ސަބަބަކީ އަޅުގަނޑުމެންނަކީ ފްރޮންޓްލައިން އިންޑަސްޓްރީއެއް. ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީ ޓުއަރިޒަމް. ޓުއަރިޒަމަށް އަންނަ ކޮންމެ ލޮޅުމެއް އަޅުގަނޑުމެންނަށް އަންނާނެ، ޓުއަރިޒަމަށް އަންނަ ކޮންމެ ކުރިއެރުމެގެ ފައިސާތައް އަޅުގަނޑުމެންނަށް ކުރާނެ،" ޖަނާހު ވިދާޅުވި އެވެ.
"އެކަމަކު ޒަމާންވީ މި ކަހަލަ ބައިވަރު މައްސަލަތަކަށް ވުރެ މިއަދު ދުނިޔެއަށާއި ރާއްޖޭގައި މި އިންޑަސްޓްރީއަށް ދިމާވެފައި އޮތް ގޮންޖެހުންތައް ބޮޑު."
އެ ގޮންޖެހުންތައް ތަފްސީލު ކޮށްދެއްވަމުން ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމު ވެސް ފުރުއްވާ ޖަނާހު ވިދާޅުވީ މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާއެކު، މުދަލުގެ އަގު ބޮޑުވެފައިވާ މިންވަރެވެ. އަގު ބޮޑުވުމުގެ އިތުރުން މުދާ އުފުލުމުގައި އޮތް ދަތިކަން ވެސް އޭނާ ވިދާޅުވި ގޮތުގައި އިންތިހާއަށް ބޮޑެވެ.
"މިއަދު ދުނިޔޭގެ މާކެޓްގައި ކޮންސްޓްރަކްޝަން މެޓީރިއަލްގެ އިންފްލޭޝަން ހުރީ 42 ޕަސެންޓްގައި އިނގޭތޯ. އެހެންވީމާ މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ފެބްރުއަރީގެ ކުރިން ކުރެވިފައި ހުރި ކޮންޓްރެކްޓްތަކުގެ މުދަލުގެ އަގު މިއަދު ދުނިޔޭގެ ބާޒާރުގައި ހުރީ 42 ޕަސެންޓް އިތުރުވެފައި،" ޖަނާހު ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގައި އޮތް ބޭރު ފައިސާ ލިބުން ދަަތިވުމުގެ ގެއްލުން ވެސް އެ އިންޑަސްޓްރީއަށް ބޮޑެވެ. އެ ހުރިހާ ކަމަކާ އެކުގައި ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރިވެރިން މަސައްކަތް ކުރިއަށް ގެންދާ ކަމީ ޝުކުރު ހައްގު ކަމެއް ކަމަށް ޖަނާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތައް، ސަރުކާރުތަކާ ހިއްސާކޮށް، ހައްލުތައް ހޯދަން މަސައްކަތް ކުރުމަކީ މަސީ އުފެއްދީއްސުރެ އެ ޖަމާއަތުން ކުރަމުން އަންނަ މަސައްކަތެކެވެ. އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ޖަނާހު ވިދާޅުވި އެވެ.