ކުންފުނީގެ މިނިމަމް ކެޕިޓަލާއި އަހަރީ ފީ ކަނޑާލައި ކުންފުންޏާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވި ގޮތުގައި ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކުރަން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެ ގޮތުން، ގެންނަ ބަދަލުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި ކަންކަމަކީ:

- ކުންފުނީގެ މިނިމަމް ކެޕިޓަލްގެ ގޮތުގައި ލާޒިމްކުރާ އަދަދު ކަނޑާލުން

- ކުންފުނީގެ ރަޖިސްޓޭޝަން ފީ ކުޑަ ކުރުން

- ކުންފުނީގެ އަހަރީ ފީ ކަނޑާލުން

މީގެ އިތުރުން، ދަރަންޏާ ގުޅޭ ކަންކަމާ ބެހޭ ގާނޫނަކާއި ސެކިއޮ ޓްރާންސެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ކްރެޑިޓް ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެކްސްޕޯޓް އިމްޕޯޓް ކުރުމުގައި ބޭނުންކުރާ ލިއުންތައް ރިވިއުކޮށް، ސްޓްރީމްލައިންކޮށް، ރީ އިންޖިނައަ ކުރުމުގެ މަސައްކަތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިމޭނެ،" ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމުކުރަން ޝަރުއީ ދާއިރާއާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ފާހަގަކުރެއްވި އެންމެ މުހިއްމު ކަމަކީ ސަރުކާރުގެ ހަތް މުއައްސަސާއެއް ހިމެނޭ ގޮތަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކުލަވާލާފައިވާ ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީ އެވެ.

"އަޅުގަނޑުމެންނަށް ޓީއެފްސީ [ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީ]ގެ އަމާޒުތައް، ރައީސްގެ އިގްތިސާދީ އަމާޒުތައް، 2018 ވަނަ އަހަރު އަންނަން ވާއިރަށް ހާސިލު ކުރެވޭނެ ކަމާ މެދު ޝައްކެއް ނުކުރަން. އިރާދުކުރެއްވިއްޔާ އެ ދުވަހަކުން ރާއްޖެ ވެގެން ދާނީ ވިޔަފާރި ކުރަން ފަހި ގައުމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވިޔަފާރި ކުރަން ފަސޭހަ މިންވަރު ބަލައި އަހަރަކު އެއް ފަހަރު ވޯލްޑް ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މި ފަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އަންނަ އަހަރުގެ އަދަދު މިދިޔަ އޮކްޓޯބަރު މަހު ނެރުނު އިރު، ރާއްޖެ އަށް ލިބިފައި ވަނީ 135 ވަނަ އެވެ. އެއީ މި އަހަރު ލިބުނު 129 ވަނަ އަށް ވުރެ ހަ ދަރަޖައިގެ ދަށްވުމެކެވެ.

މިނިސްޓަރު ސައީދު މިއަދު ވިދާޅުވި ގޮތުގައި އެ އިންޑެކްސް އެކުލަވާލާ ގޮތް ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އަދި ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއްގައި، އެ އިންޑެކްސްގައި ބަލާ ކަންކަން އެންމެ ފުރިހަމަ އަށް ވަޒަން ނުކުރެވޭނެތީ އެވެ.

އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ ވިޔަފާރިތަކަށް ކަރަންޓު ލުމުގައި ފަސޭހަ މިންވަރު ވޯލްޑް ބޭންކުން ވަޒަން ކުރާ ކުރުމެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ 80 ޕަސެންޓަކީ ޓޫރިޒަމަށް ވާއިރު، ހުރިހާ ރިސޯޓެއްގައި ވެސް ކަރަންޓު ލާފައި ވަނީ ދުނިޔޭގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެންމެ މަތީ ފެންވަރުގައި ކަމަށެވެ. އެކަމަކު، ވޯލްޑް ބޭންކުގެ އިންޑެކްސްގައި އެ ކަމަށް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް އަކީ ވޯލްޑް ބޭންކުން ކުރާ އެންމެ މުހިއްމު ދިރާސާ އެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމުގެ އިތުރަށް، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކެއްގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރުމުގައި ވެސް މި އިންޑެކްސް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.