ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ވައްކަން ކުރި މީހަކު އެއް މަހަށް ޖަލަށްލައި އަދި 800 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންސީއައިޓީ އަށް ވަގަށް ވަދެ 500ރ. އާއި މޮބައިލް ފޯނެއް ނެގި މައްސަލާގައި ވައްކަމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވި އެވެ. އެ ކުށްކުރީ މަސްތުވެގެން ހުރެ ކަމަށް ވެސް ކޯޓުގައި ބުނެފައި ވެ އެވެ.
އޭނާ ލުއި އަދަބެއް ދޭން އެދުމުން ދައުލަތުން ވެސް އެ ކަމަށް ދެކޮޅެއް ނެހެދި އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ ވައްކަމުގެ ކުށުގައި 24 ދުވަހަށް ޖަލަށްލައި އަދި 640 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހަ ދުވަހަށް ޖަލަށްލުމާ އެކު 160 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރަންޖެހޭ ގޮތަށެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ކަނޑައެޅޭ އަދަބުތައް ޖޫރިމަނާ އާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބަށް ބަދަލު ކުރެވެ އެވެ. މުޖުތަމައަށް ހިދުމަތް ކުރުމުގެ ގޮތުން ކުރުވޭނެ މަސައްކަތްތައް ކަނޑައަޅާނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިންނެވެ.
އޭގެ ތެރޭގައި ކުނި އުކުމާއި ތަންތަން ސާފުކުރުން ހިމެނެ އެވެ.