ކޮވިޑް-19ގެ ވެކްސިންއާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު އާއްމުކުރާ ވެބްސައިޓުތައް ބްލޮކް ކުރަމުން އަންނަ ކަމަށް ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މުޅި ދުނިޔެ ހުއްޓުވާލި ވައިރަހުގެ ދާއިމީ ދިފާއުގެ ގޮތުން ހެދި އަދި ރާއްޖޭގައި ވެސް ދެމުން އަންނަ އޮކްސްފޯޑް ވެކްސިން ކޮވިޝީލްޑާ ގުޅޭ ގޮތުން ވެސް ދަނީ ދޮގުތައް ފަތުރަމުންނެވެ. ދިވެހި ބަހުން ހިންގާ ބައެއް ސައިޓުތަކުގައި ހުރި ވާހަތަކާ މެދު ޑޮކްޓަރުން ވެސް ދަނީ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ.
ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ މިހާތަނަށް އެއް ސައިޓެއް ގާތްގަނޑަކަށް ހަތަރު ފަހަރަށް ބްލޮކް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހޮސްޓިން ބަދަލުކޮށް، އަލުން ވެބްސައިޓު ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވި ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕޮލިހާއި އެޗްޕީއޭ އަށް އެލާޓްވާ ސައިޓްތައް ވެސް ހުށަހެޅުމުން ބްލޮކްކުރެ އެވެ.
ވެބްސައިޓުތައް ހިންގުމުގެ އިތުރުން ވެކްސިން ޖެހުމުން މީހާގެ ފުރާނައަށް ނުރައްކާވާ ކަމުގެ ދޮގުތައް ފަތުރަން ވައިބާ އާއި ޓެލެގްރާމްގައި ގްރޫޕްތައް ވެސް ހަދާފައިވެ އެވެ. މި ގްރޫޕްތަކުގައި ކޮވިޑް ވެކްސިން ނުޖަހަން ވެސް ދަނީ ބާރުއަޅަމުންނެވެ.
ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި 33،000 މީހުންނަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ވެކްސިން ޖެހުމުން ބައެއް މީހުން ހީކަރުވައި ހުން އައުން ފަދަ ކަންކަން ވިޔަސް އެއްވެސް މީހަކަށް ސިއްހީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.