ނޭވާލާ ނިޒާމަށް ޖެހޭ ވައިރަހަކުން ޖެހޭ ބައްޔެއް ފެތުރުން އިތުރުވާތީ، ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ފެތުރުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށާއި މި ވައިރަސް އާންމުކޮށް ފެތުރެނީ ކުޑަކުދިންގެ މެދުގައި ކަމަށެވެ.
މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާވާ ވައިރަހެކެވެ.
އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު ގާތުން މޮނިޓާކުރަމުން އަންނަ ކަމަށެވެ.
މި ވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ގިނައިން އަތް ދޮވެ، މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި މާސްކު އަޅައި ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް އެދިފައިވެ އެވެ.
ހުން އައިސް، ކެއްސައި، ނޭވާލާ ލުމަށް އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ދިމާވާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އިދާރާއިން ބުނީ މި ބައްޔަށް ފަރުވާ ހޯދުން އަވަސްކޮށްފި ނަމަ ބަލިން ސަލާމަތް ވުން އަވަސްވާނެ ކަމަށެވެ.