ހިތުގެ ބަލިތަކަށް އެކަނި ވެސް ފާއިތުވި ތިން އަހަރު ބައި ލައްކައަށް ވުރެ ގިނަ މީހުން ފަރުވާ ހޯދައިފި އެވެ.
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން މިއަދު ފެށުމާ ގުޅިގެން، ކަމާގުޅޭ އިދާރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ 2021، 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި، ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކަށް 57،709 މީހުން ފަރުވާ ހޯދި ކަމަށެވެ. އެއީ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން އަދި ސްޓްރޯކް ޖެހުމެވެ.
ދެ ވަނައަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމެއާ ގުޅުންހުރި ބަލިތަކެވެ. އެ ބަލިތަކަށް 35،806 މީހުން އާސަންދައިގެ ތެރެއިން ފަރުވާ ހޯދި އެވެ. ހަކުރު ބައްޔަށް 30،803 މީހުން ފަރުވާ ހޯދިއިރު، ހަތަރު ވަނައަށް އެންމެ ގިނަ މީހުން ހޯދާފައިވަނީ ކިޑްނީއާ ގުޅުން ހުރި ބަލިތަކުގެ ފަރުވާ އެވެ. އެއީ 11،635 މީހުންނެވެ.
ކެންސަރު ޖެހިގެން ފާއިތުވި ތިން އަހަރު 3،294 މީހުން ފަރުވާ ހޯދާފައިވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލަށް ފެށި މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ވެސް ހަދާފައިވަނީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށެވެ. ޕެކޭޖުތައް ހަތަރު ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ވެސް އަންހެން އަދި ފިރިހެނުންނަށް ވަކި ޓެސްޓުތަކެއް ހުންނާނެ ކަމަށް އާސަންދައިން ބުންޏެވެ.
އެ ނިއުސް ކޮންފަރެންސްގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ދުރާލާ ޓެސްޓުތައް ހަދައިގެން ބަލިތައް ދެނެގަނެވެއްޖެނަމަ، އެ މީހެއްގެ ފަރުވާއަށް ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ކުޑަވާނެ ކަމަށެވެ. ފަރުވާތަކަށް މިހާރު ވެސް ކޮންމެ އަހަރު އެތައް ސަތޭކަ މިލިއަން ހަރަދުކުރަންޖެހޭކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.