ޑިސީ ޔުނިވާސްގެ، ދެކުނު އެމެރިކާ ދަރިފަސްކޮޅަށް ނިސްބަތްވާ ފުރަތަމަ ސުޕަހީރޯގެ ފިލްމު "ބްލޫ ބީޓްލް" ޓްރެއިލާ ދައްކާލައިފި އެވެ.

"ބްލޫ ބީޓްލް" އަކީ ޑީސީ ކޮމިކް ފޮތްތަކުގައި އެހާ މަގްބޫލު ކެރެކްޓާއެއް ނޫނެވެ. މި ފިލްމުގައި ޖޭމީ ރެއީސް (ޝޯލޯ މަރިޑުއޭނިއާ) ކިޔާ ކެރެކްޓާއެއް، ރައްކާތެރިކޮށް ބަލަހައްޓަން ދޭ ފޮއްޓެއްގެ ތެރޭގައި އޮތް ބީޓްލް ނުވަތަ މަޑިއެއް އޭނާގެ ގައިތެރެއަށް ވަދެ، ބްލޫ ބީޓްލްގެ ކެރެކްޓާއަށް ބަދަލުވެ އެވެ.

ބްލޫ ބީޓްލް (ޝޯލޯ މަރިޑުއޭނިއާ)
ބްލޫ ބީޓްލް (ޝޯލޯ މަރިޑުއޭނިއާ)

ޕޯޓެ ރީކޯގެ ފިލްމުމޭކާ އަންހެލް މަނުއޭލް ސޯޓޯ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި "ކޯބްރާ ކައި" ގެ ތަރި ޝޯލޯއާ އެކު ގިނަ އަދަދެއްގެ ލެޓިން އެކްޓަރުން އުޅެ އެވެ.

މި ފިލްމަކީ ޑީސީގެ އާ ސިނަމެޓިކް ޔުނިވާސްގެ މުހިންމު ރޯލެއް އަދާކުރާ ފިލްމެއްކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ބްލޫ ބީޓްލް" ޓްރެއިލާ ބެލުމަށް ފަހު ގިނަ ބަޔަކު ބުނަނީ އެއީ މާވެލްގެ "ސުޕައިޑަމޭން" ނުވަތަ "މޫން ނައިޓް" ފަދަ ކެރެކްޓާތަކާ އެއްކަހަލަ ކެރެކްޓާއެއް ކަމަށާއި އެކަމަކު މަޖާ ގޮތަކަށް ފިލްމު ގެނެސްދީފައި ހުރުމުން ބަލައިލަން ހިތްގައިމުވާނެ ކަމަށެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.