އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި ޔޫޓިއުބަރު ސަމޭ ރައިނާ، ޔޫޓިއުބްގެ ޕެއިޑް ޗެނަލް މެމްބާސް ނުވަތަ ފައިސާ ދައްކައިގެން ޗެނަލްގެ މެމްބަރުންނަށްވާ އެއް މިލިއަން މީހުން ހަމަކުރި ފުރަތަމަ ޔޫޓިއުބަރަކަށްވެ، ރެކޯޑެއް ހަދައިފި އެވެ.
ގޫގުލް އިންޑިއާގެ ބްލޮގް ޕޯސްޓެއްގައި ވަނީ ސަމޭ ހޯދި މި ތާރީޚީ ކާމިޔާބީ ރަސްމީކޮށް ކަށަވަރުކޮށްދީ، އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.
ޔޫޓިއުބުން ބުނި ގޮތުގައި، ޗެސް ގްރޭންޑްމާސްޓަރުންނާ އެކު ކުރާ މަޖާ ލައިވްސްޓްރީމްތަކުން ފެށިގެން މަޝްހޫރު ޝޯ "އިންޑިއާސް ގޮޓް ލޭޓެންޓް"އާ ހަމައަށް، ސަމޭ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް އެތައް މިލިއަން ބެލުންތެރިންނެއްގެ އެންމެ މަގުބޫލު ޗެނަލަށް ހަދައިފަ އެވެ.
ސަމޭގެ ޔޫޓިއުބް ޗެނަލްގައި މިހާރު ވެސް 12.4 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން އެބަތިއްބެވެ.
މި ކާމިޔާބީއަކީ މިދިޔަ އަހަރު ސަމޭއަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކަށް ފަހު އޭނާ ހޯދި ވަރުގަދަ ކުރިއެރުމެކެވެ.
މިދިޔަ އަހަރު "އިންޑިއާސް ގޮޓް ލޭޓެންޓް" ޝޯގެ އެޕިސޯޑެއްގައި ދެކެވުނު ވާހަކަތަކަކާ ގުޅިގެން ބޮޑު މައްސަލަގަނޑެއް އުފެދި، ފުލުހުންނަށް މައްސަލަތައް ހުށަހެޅުމާ ގުޅިގެން ސަމޭއަށް ޖެހުނީ އޭނާގެ ޗެނަލުން އެ ޝޯގެ ހުރިހާ އެޕިސޯޑެއް ޑިލީޓްކޮށްލާށެވެ.
އޭރު މީހާގެ ނަފްސާނީ ހާލަތު ވެސް ވަރަށް ބޮޑަށް ދަށްވި ކަމަށާއި، އަލުން ޝޯ ގެނެވޭނެތޯ ޗެޓްޖީޕީޓީއާ ވެސް ސުވާލުކުރި ކަމަށް ސަމޭ ވަނީ ބުނެފަ އެވެ.
ނަމަވެސް މި އަހަރު އޭނާގެ ސްޓޭންޑް-އަޕް ކޮމެޑީ ސްޕެޝަލް "ސްޓިލް އެލައިވް"އާ އެކު އަލުން އެނބުރި އައިސް، ޔޫޓިއުބާއި ނެޓްފްލިކްސް ގުޅިގެން "އިންޑިއާސް ގޮޓް ލޭޓެންޓް"ގެ ދެވަނަ ސީޒަން ވަނީ ފަށައިފަ އެވެ.
އާލިއާ ބަޓް އާއި ވަރުން ދަވަން ކަހަލަ ބޮލީވުޑްގެ ތަރިން ވެސް ބައިވެރިވާ މި އާ ސީޒަނާ އެކު، ސަމޭގެ ޗެނަލަށް އާންމުންގެ ތަރުހީބު ވަނީ ކުރިއަށް ވުރެ ބޮޑަށް އިތުރުވެފަ އެވެ.