މިހާރު އޮތް ގާނޫނުއަސާސީގައި ނިޒާމުގެ މާ ބޮޑު މައްސަލައެއް ނެތްކަން ފާހަގަ ކުރައްވަމުން، ސިޔާސީ ތަޖުރިބާކާރަކު ދެއްކެވި އެއް ހެއްކަކީ މި އެވެ؛

"މި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އޮންނަތާ 15 އަހަރުވީ. މި ހުރިހާ ދުވަހަކު ސުޕްރީމް ކޯޓު ގޯސް ކަމަށް އެންމެން އެއްބަސް. އެކަމަކު މިހާރު އޮތް ސުޕްރީމް ކޯޓާ މެދު ޔަގީންކަން މިއޮތީ ބޮޑުވެފައި. އެތަން ޕްރޮފެޝަނަލް ކަން މިހާރު އެންމެން ވެސް ގަބޫލުކުރޭ. އެކަމަކު އޭރު ވެސް ހަމަ މި ގާނޫނުއަސާސީ. މިހާރު ވެސް ހަމަ އެ ގާނޫނުއަސާސީ. ހަމަ ރިޔާސީ ނިޒާމް އޭރު ވެސް މިހާރު ވެސް."

އޭނާ އެ ވިދާޅުވި ވާހަކައިގެ މައިގަނޑު ޕޮއިންޓަކީ ސުޕްރީމް ކޯޓަށް ފަހުން ލީ ބެެންޗުގެ އިހުލާސްތެރިކަމެވެ. އޭނާ ސާބިތުކޮށްދެއްވި ކަމަކީ ކޮންމެ ނިޒާމެއް އޮތަސް، މީހުން އިހުލާސްތެރިއްޔާ ނިޒާމު ބަރާބަރުކަމެވެ. ހަމައެހެންމެ، މައްސަލަ އަކީ ނިޒާމު ހިންގަން ތިބި މީހުން ކަމެވެ.

ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް މާއްދާ ނުވަތަ ވެރިކަމުގެ ނިޒާމު ފުރޮޅާލުމުގެ ވާހަކަތައް މިއޮތީ، 14 ވަރަކަށް އަހަރަށް ފަހު އަނެއްކާ ވެސް ތިލަވެފަ އެވެ. މީގެ 14 އަހަރުކުރިން، 2007ގައި ހަމަ މި ދުވަސްވަރު ރާއްޖޭގައި އެންމެ ގަދަ އަށް ވެސް ދެކެވުނީ ހަމަ ނިޒާމުގެ ވާހަކަ އެވެ. އެއީ މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައި އެ މަނިކުފާނު ވެސް އެންމެ ފުރަތަމަ ވާދަވެރި އާންމު ވޯޓަކަށް ވަޑައިގެންނެވި ފަހަރެވެ. އެއްކޮޅުން ކުރިމަތިލީ، އޭރު ރާއްޖޭގައި އަށަގަންނަމުން އައި މައުމޫންގެ ވެރިކަމާ ދެކޮޅު ފިކުރެވެ. އެއީ ބަރުލަމާނީ ނިޒާމަށް ވަކާލާތު ކުރަމުން އައި މީހުން، ނުވަތަ މިހާރު އެމްޑީޕީ އެވެ. އަނެއްކޮޅުން ކުރިމަތިލީ ޑީއާރުޕީ، ނުވަތަ އޭރުގެ ސަރުކާރެވެ.

ނިޒާމުގެ ވާހަކަ އައީ ކިހާ ހިސާބަކުން؟

ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު، އޭރު މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އެކުލަވާލުމުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައީސް މައުމޫންގެ އަތްޕުޅުގައި ހުރި ބައެއް ބާރުތައް ދޫކޮށްލައްވަން އެމަނިކުފާނު ބޭނުންފުޅު ނުވުމެވެ. އަދި އެކި ގޮތްގޮތުން ވެސް ވާހަކަ ދެކެވި، އެއަށް ގޮތެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާމީ ވޯޓުގައި މީހަކު ވޯޓު ދެނީ --- ފޮޓޯ: ހަވީރު
ނިޒާމީ ވޯޓުގައި މީހަކު ވޯޓު ދެނީ --- ފޮޓޯ: ހަވީރު

"އޭރު ބާރުތައް މި އޮންނަނީ މަސްހުނިވެފައި. ނިޒާމަކަށް ނުވާ ނިޒާމެއްގައި ވެރިކަން ކުރަމުން އައީ. ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތްް. އެހެންވެ އަޅުގަނޑުމެން އޭރު ވިސްނީ ކޮންމެވެސް ނިޒާމެއްގެ ތެރެއިންނޭ ވެރިކަން ކުރެވެން ޖެހޭނީ. އެއީ ގާނޫނުއަސާސީގެ ވެސް މަފްހޫމަކީ،" އިބްރާ ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމެއްގެ ތެރެއިން އޭރު ބަހުސް ކުރެވުނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު އެކަންޏެއް ވެސް ނޫނެވެ. އިބްރާ ވިދާޅުވި ގޮތުގައި، ޑްރާފްޓިން ކޮމެޓީގައި އެކިއެކި ސިސްޓަމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމަކު އޭރު އެމްޑީޕީ ވެސް ފައްކާވަމުން އައިސް، ވެރިކަމާ ކައިރީގައި އޮތުމާއި ރިޔާސީ ނިޒާމަކުން މައުމޫން ބަލިކުރުމަކީ ނުވުން ގާތްކަމެއް ކަން އެމްޑީޕީގެ އޭރުގެ ބައެއް އިސް ބޭފުޅުންނަށް ގަބޫލު ކުރެވިފައި އޮތުމުން އެމްޑީޕީ ހިޔާރު ކުރީ ބަރުލަމާނީ ނިޒާމަކަށް ދިއުމުގެ ވިސްނުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެން ދެއްތޯ ވީ ވެސް. ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ލިބުނީ ވެސް އެންމެ 25 ޕަސެންޓް. މައުމޫން ގިނިކަންޏާ ނުކުންްނަވައި އަދި އެހާ ބޮޑަށް އިދިކޮޅުން ކެމްޕޭން ކޮށްގެން ވެސް މައުމޫން ނެންގެވި 90،000 އަށް ވުރެ ގިނަ ވޯޓު،" އިބްރާ ވިދާޅުވި އެވެ.

އެއީ ވެދާނެ ގޮތެއްކަން ކުރިިން ވެސް އެމްޑީޕީގެ އިސް ބޭފުޅުންނަށް ހީވެފައި އޮތުމުން، ނިޒާމީ ވޯޓު، ބަރުލަމާނީ އަށް ބަދަލުކޮށްލަން މުޅި އެމްޑީޕީ އާއި އިދިކޮޅު ފިކުރު އެއްކޮށްހެން ނުކުތެވެ. ހާއްސަ މަޖިލިސް ތެރެއިން ދެ ފަހަރެއްގެ މަތިން ވޯޓަކަށް ގޮސްގެން ވެސް އިދިކޮޅަށް ވެސް، އަދި ސަރުކާރަށް ކާމިޔާބު ވާގޮތް ނުވެގެން ދެން ނިންމީ ރައްޔިތުންގެ ނިންމުމަކަށް ދާށެވެ. އެހެންވެ، އޮގަސްޓް 18، 2007 ވަނަ ދުވަހު މުޅި ރާއްޖޭގައި މަޝްހޫރު "ނިޒާމީ ވޯޓު"ގެ އިންތިހާބު ބޭއްވި އެވެ.

14 އަހަރު ކުރި: ހަވީރުގެ ސަފުހާތަކުން

ނިޒާމީ ވޯޓަށް ދިއުމުގެ ކުރިން ދެ ފަރާތުން ވެސް ވަރަށް ވަރުގަދަ ކެމްޕޭންތަކެއް ކުރި އެވެ. އޭރު އެމްޑީޕީ ހަރުގޭގައި ބޭއްވި ބޮޑެތި އަދި ވަރުގަދަ ޖަލްސާތަކުގައި ބޮޑެތި ކެއުންތަކާ އެކު ރާއްޖޭގެ ވަރުގަދަ ބޭފުޅުން ކެމްޕޭން ކުރަމުން ދިޔަ އެވެ. އޭރުގެ ފިކުރަކީ، ރައީސް މައުމޫނަށް 30 އަހަރު މާ ގިނަ ކަމެވެ. އެހެންވެ، ގިނަ ބޭފުޅުންގެ ވާހަކަތަކުގައި ވެސް މި ކެމްޕޭންގެ މައިގަނޑު ވާހަކަތައް އަމާޒުވެފައި ހުރީ ބަރުލަމާނީ ނިޒާމުގެ މޮޅު ވާހަކަތަކަށް ވުރެ ބޮޑަށް މައުމޫންގެ ކިބައިން ގައުމު ސަލާމަތް ކުރެވެން އޮތީ ބަރުލަމާނީ ނިޒާމެއް ގެނެސްގެން ކަމެވެ. އޭރު އެމްޑީޕީގެ ވެރިން ދޭތެރެދޭތެރެއިން މައުމޫންގެ ވެރިކަން މިވެނި ދުވަހެއްގައި ވައްޓާލާނެ ކަމަށް ބުނަމުން ދިޔަ އެވެ. ތިން މަސް ތެރޭގައި، ދެ މަސް ތެރޭގައި ވައްޓާލާނެ ކަމަށް ބުނެ ވައުދުތައް ވެ، ތާރީހުތައް ދިޔައީ ފަހަނައަޅަމުންނެވެ. އެކަމަކު އެހެން އެކަމެއް ނުވި އެވެ. އެހެންވެ، އެ މާޔޫސްކަން ފިލުވާލަން އެންމެ ބޮޑު ހަތިޔާރަކަށް އޭރު އެންމެ ބޮޑަށް ހެދީ ވެސް ބަރުލަމާނީ ނިޒާމެވެ.

ނިޒާމީ ވޯޓުގައި ރައީސް މައުމޫން ވޯޓު ދެއްވަނީ -- ފޮޓޯ: ހަވީރު
ނިޒާމީ ވޯޓުގައި ރައީސް މައުމޫން ވޯޓު ދެއްވަނީ -- ފޮޓޯ: ހަވީރު

"ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ ކޮބައިކަން ނޭނގޭ އެތައްހާސް ބަޔަކު ރާއްޖޭގައި އަދިވެސް އެބަތިއްބެވެ. އެފަދަ މީހުންނަށް ގަބޫލު ކުރެވިފައިވާ ގޮތުގައި ރިޔާސީ ނިޒާމަކީ ރައީސް މައުމޫން ވެރިކަމުގައި ބަހައްޓަވަން ފެންނަ ނިޒާމެވެ. ބަރުލަމާނީ ނިޒާމަކީ ރައީސް މައުމޫން ވެރިކަމުން އަވަހަށް ދުރުކުރެއްވުމަށް ތާއީދު ކުރާ ނިޒާމެވެ،" ވޯޓުގެ ތިން ދުވަސްކުރިން "ހަވީރު"ގައި ޝާއިއުކުރި ލިޔުމެއްގައި ވެ އެވެ.

އިދިކޮޅުން އޭރު ދެއްކި މައިގަނޑު ވާހަކަތަކުގައި ބަރުލަމާނީ ނިޒާމުގެ މޮޅުކަމުގެ މިސާލު ދައްކަނީ އިނގިރޭސި ވިލާތުންނެވެ. އެކަމަކު އޭގެ ބަދަލުގައި ބަރުލަމާނީގެ ނާކާމިޔާބު ކަމަށް ސަރުކާރުން ދެއްކި މިސާލަކީ ބަންގްލަދޭޝް އެވެ. ރިޔާސީ ނިޒާމުގެ މޮޅު ވާހަކަ ދައްކަން ސަރުކާރުން ދެއްކީ އެމެރިކާ އެވެ. އޭގެ ބަދަލުގައި ރިޔާސީ ނިޒާމު ފެއިލްވެފައި އޮތް ކަމަށް އިދިކޮޅުން ދެއްކީ އެފްރިކާގެ ބައެއް ގައުމުތަކެވެ. ރިޔާސީ ނިޒާމުގެ މޮޅުކަން ދައްކަން އިދިކޮޅުން ބުނަމުން ދިޔައީ، ބޭނުން އިރަކު ސަރުކާރު ބަދަލު ކުރުމުގެ އިޚުތިޔާރު އޮތް ކަމެވެ. އެކަމަކު ސަރުކާރުން ބުނަމުން ދިޔައީ ބަރުލަމާނީއެއްގައި ރާއްޖޭގެ ހައެއްކަ މުއްސަނދިންނަށް މަޖިލިސް ގަނެލެވިދާނެ ކަމަށާއި އެހެންވިއްޔާ ރައްޔިތުންގެ ބާރު ކެނޑުނީ ކަމެވެ.

"ހިތާމައަކީ ބަރުލަމާނީ ނިޒާމަށާއި ރިޔާސީ ނިޒާމަށް ތާއީދު ކުރާ ފަރާތްތަކުން ރައްޔިތުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް އެންޓި ކެމްޕޭންގެ ކަންތައް ކުރިއަށް ނެރެމުންދާ ކަމެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އޮޅުން އަރަމުން ދިއުމެވެ. އަދި ވޯޓުގެ ނަތީޖާ އެބަޔަކު ބޭނުން ގޮތަކަށް ބަދަލުކޮށް މާއްދީ ފައިދާތަކެއް ހޯދަމުންދާކަމަށް ގަބޫލުކުރަން ޖެހުމެވެ. އެއީ ވަރަށް ދެރަ ކަމެކެވެ،" ހަވީރުގައި އޭރު ޖަހާފައިވާ އާޓިކަލެއްގައި ވެ އެވެ.

ރައްޔިތުން ވޯޓު ފޮށި ކައިރިއަށް އޭރު ދިޔައީ ދެ ނިޒާމުގެ މާ ގިނަ ކަންކަން އެނގިގެން ނޫން ކަމަށް ވެސް އޭރުގެ ލިޔުންތަކުން އެނގެ އެވެ. އެއް ބަޔަކު ދިޔައީ ރައީސް މައުމޫން ވެރިކަމުން ބޭރު ކުރެވޭނީ ބަރުލަމާނީ ނިޒާމު ގެނެސްގެން ކަމަށް ވާތީ އެވެ. އަނެއް ބަޔަކު ރިޔާސީ ނިޒާމަށް ވޯޓު ލާން ދިޔައީ ރައީސް މައުމޫން ވެރިކަމުގައި ބަހައްޓާށެވެ! މާނައަކީ ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށް ވަރިހަމަ ކަމެވެ. އޭރުގެ ހާލަތަކީ، ރައީސް މައުމޫން ވިއްޔާ އެމަނިކުފާނެވެ. ނުވަތަ އިދިކޮޅު ވިއްޔާ އެ މީހުންނެވެ. ނިޒާމަކަށް ނިޒާމެކެވެ.--

14 އަހަރު ފަސް، ނިޒާމުގެ މައްސަލައެއް އެބައުޅޭތަ؟

ރައްޔިތުންގެ ވޯޓުން ނިންމީ ރިޔާސީ ނިޒާމެވެ. ދެ ނިޒާމުގެ ދޭތެރޭގައި 37،115 ވޯޓުގެ ތަފާތެއް ހުއްޓެވެ. ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށް 95،619 މީހުން ވޯޓު ދީފައިވާއިރު، ބަރުލަމާނީ ނިޒާމަށް ދީފައި ވަނީ 58،504 ވޯޓެވެ. ބާތިލު ވޯޓްގެ އަދަދަކީ 1،767 އެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 199،841 މީހުންގެ ތެރެއިން 155،890 މީހުން ވޯޓުގައި ބައިވެރިވެފައި ވެ އެވެ.

ސަރުކާރުން ބެލީ އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ނިޒާމީ ވޯޓުގައި މީހަކު ވޯޓު ދެނީ -- ފޮޓޯ: ހަވީރު
ނިޒާމީ ވޯޓުގައި މީހަކު ވޯޓު ދެނީ -- ފޮޓޯ: ހަވީރު

ރައްޔިތުން ބޭނުންވި ނިޒާމު ގެނެސް، އޮގަސްޓް 8، 2008 ގައި ގާނޫނުއަސާސީ ވުޖޫދު ވި އެވެ. އެ ގާނޫނުއަސާސީ އަށް އަމަލުކުރާތާ މިހާރު މިއީ 13 ވަނަ އަހަރެވެ. ތިން ރިޔާސީ އިންތިހާބު ބާއްވައިފި އެވެ. ހަތަރު ރައީސުން ވެރިކަން ކުރައްވައިފި އެވެ. އެކަމަކު ގާނޫނުއަސާސީގެ ހަގީގީ ފައިދާއެއް ނުކުރެ އެވެ. އޭގެ ރާހަތެއް އަދި ލައްވައެއް ނުލަ އެވެ. ގާނޫނުއަސާސީގައި ބުނެފައިވާ އަސާސީ ހައްގުތައް ރައްޔިތުންނަކަށް ހަމައެއް ނުވެ އެވެ. ޖުޑިޝަރީ އަދިވެސް އޮތީ "ފިތިފަ" އެވެ. ވެރިކަމުގެ ނިޒާމު އެއް ބާރާ އަނެއް ބާރާ މަސްހުނިވެ އެވެ.

"މިވީ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން މި ގާނޫނުއަސާސީގެ ތެރެއިން ދެކެފިން ތިން ކަމެއް. އެއީ ވެރިކަމުގެ ބާރު ގަދަވެގެން ދިމާވި ކަންކަން. ޖުޑިޝަރީ ބާރުގަދަވެގެން ދިމާވި ކަންކަން. އަދި މިހާރު މި ދެކެނީ މަޖިލިސް ބާރުގަަދަވެގެން ދިމާވާ ކަންކަން،" ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އެކަމަކު އޭގެ މާނައަކީ އޭނާ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ހުރި މައްސަލަތަކުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. އެއް ސަބަބަކީ، ބާރުތައް ގާނޫނުއަސާސީ އާ ހިލާފަށް ބޭނުންކުރާތީ ދިމާވާ ކަންކަމެވެ. ހަމަ އެހެންމެ، ގާނޫނުއަސާސީ ފުރިހަމަކޮށް ގެންދަން ބޭނުންވާ އެތައް ބައިވަރު ގާނޫނުތައް ވެސް ނުހަދާ ހުރެގެން ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަދި އަމުދުން އެއީ ވެރިކަމުގެ ނިޒާމާ ގުޅިފައި އޮތް ކަމެއް ނޫން،" އޭނާ ބާރުލައްވާފައި ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ހުރި މައްސަލައަކާ ނިޒާމަކާ ގުޅުމެއް. ވެރިކަމުގެ ނިޒާމު އެއީ ކޮންމެ ނިޒާމެއް އޮތަސް ގާނޫނުއަސާސީގައި ހުރި ހައްގުތައް ނުލިބޭންވީ ސަބަބެއް ނެތް. ކުރިން ވެސް އަޅުގަނޑު ދެންނެވިހެން ސުޕްރީމަށް ހަމަ ރަނގަޅު ބައެއް ލީމަ، ހަމަ މި ނިޒާމުގައި އެތަން އެ ރަނގަޅުވީ. އެކަހަލަ ކަމެއް މިއީ."

ރައްޔިތުންނަށް ދޭން ޖެހޭ އެއްވެސް ހިދުމަތެއް ނުދެވި އޮތުމަކާ ވެރިކަމުގެ ނިޒާމާ އެއްވެސް ގުޅުމެއް ނެތެވެ. ވެރިކަމުގެ ނިޒާމާ މިހާރު ކުޅެންޏާ އެ ކުޅެން ޖެހޭ ސަބަބަކީ، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ވެރިކަން ގެއްލިދާނެ ކަމުގެ ބިރު އޮތުން އެކަންޏެވެ.

"އަނެއްކާ ވެސް މި ޖެހެނީ 14 އަހަރު ކުރިއަށް އަލުން ދާން. މާނައަކީ، މިފަހަރު މި ޖެހެނީ އަނެއްކާ ވެސް ވެރިކަމެއް ދިފާއު ކުރަން ރައްޔިތުން ނުކުމެ ވޯޓަކަށް ދާން. އޭރު އެމްޑީޕީން ބަރުލަމާނީީ ގެންނަން އުޅުނީ ވެރިކަމަށް އަންނަން. މިފަހަރު ވެރިކަން ދިފާއު ކުރަން. އެ ނޫން ކަމެއް މީގައި ނެތް."