އަނބުރަ އަނބުރައިގެން ވެސް، މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒަށް ވިދާޅުވެވުނީ އެންމެ ވާހަކަ އެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނު ބޭވަފާތެރި ނުވާނެ ކަމެވެ. ކަރުކެހިކެހިގެން ވެސް އެ ނޫން ވަރެއް ނުވި އެވެ.

އެކަމަކު، މީޑިއާތަކަށް ފިއްލަވައިގެން އިންނަވައި އޭނާ އިއްޔެ ދެއްވި ބަޔާނުގައި ނުވަތަ ތަގުރީރުގައި ވިދާޅުވާން ބޭނުންވީ އެ ވާހަކަ ހެއްޔެވެ؟ ނޫނެކެވެ. ޔަގީނުން ވެސް އެ ވާހަކައެއް ނޫނެވެ. އަދި އާންމުން ހީކުރީ ވެސް ދައްކަވާނީ ވެސް އެ ވާހަކަ ނޫން ކަމެވެ. އާންމުން އަޑުއަހަން ބޭނުންވި ވާހަކަ އަށް، އާއެކޭ ވެސް ނުވަތަ ނޫނެކޭ ވެސް ވިދާޅެއް ނުވެ އެވެ.

ނޫސްވެރިންނަށް ޕްރެސް ކޮންފަރެންސަކަށް ދައުވަތު ދެއްވައި، އެ ކެންސަލް ކުރެއްވުމަށް ފަހު، އެއްވެސް އެނގުމެއް ނެތި މުއިއްޒު ކުއްލިއަކަށް އިއްޔެ ފެނުނީ ޕީޕީއެމް ނުވަތަ ސީދާ ޔާމީންގެ ކޮންޓްރޯލް އޮންނަ ޗެނަލް 13 ގައި އިންނަވައި ވާހަކަ ދައްކަވަނިކޮށެވެ. އޭނާގެ ފަހަތުގައި، ޔާމީންގެ ކެމްޕޭންގެ ޝިޔާރު ބޮޑުކޮށް ބަހައްޓާފައި ހުއްޓެވެ. ދެއްކެވީ މުޅިން ވެސް ޔާމީންގެ ގަދަ ކަމާއި ހަރުދަނާ ކަމާއި އޭނާ ޔާމީނަށް އޮތް ލޯޔަލް ވާހަކަތަކެވެ. އަނބުރައަނބުރާފައި ވެސް ވަޑައިގެންނެވެނީ އެ ހިސާބަށެވެ. ބައެއް ފަހަރު އޭނާ ވިދާޅުވަނީ އެ ވާހަކަ އޭނާ ދައްކަވަނީ ސަބަބެއް އޮވެގެން ކަމަށެވެ. އެކަމަކު އެ ސަބަބާ ހިސާބަށް ވަޑައިނުގެންނެވި، ހާސްކަމެއްގެ ތެރޭގައި މުއިއްޒަށް ގޮސް ހަމަނޭވާލެވެނީ ރައީސް ޔާމީންގެ ތައުރީފާ ހިސާބުންނެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ޖުމްހޫރީ މައިދާން ދޮށުގައި އިށީނދެވަޑައިގެން.-- ފޮޓޯ: ޕީޕީއެމް
ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމް/ޕީއެންސީގެ އިސްވެރިން ޖުމްހޫރީ މައިދާން ދޮށުގައި އިށީނދެވަޑައިގެން.-- ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ އިއްޔެގެ ބަޔާނަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ބަޔާނެކެވެ. ހަމައެކަނި ފޭސްބުކް ލައިވް އިން ވެސް އެތައް ބަޔަކު ބެލި އެވެ. ގާތްގަނޑަކަށް ފަންސަވީހަކަށް މިނެޓްގެ އެ ތަގުރީރު ނިމި، ވީނުވީއެއް ނޭނގި، އަދި ވިދާޅުވާން އުޅުއްވީ ވެސް ކީއްކަން ނޭނގުމުން އެތައް ބަޔަކު މުއިއްޒަށް ފާޑު ކިޔެވެ. ބައެއް މީހުން އެ ތަގުރީރު ސިފަކުރީ ޕީޕީއެމް ނުވަތަ ޔާމީން "ބޮލުގައި ބަޑިޖައްސައިގެން" ދެއްވި ތަގުރީރެއްގެ ގޮތުގަ އެވެ. މާނައަކީ، މުއިއްޒަށް އެކަން ކުރައްވަން މަޖުބޫރުވެފައިވާ ހާލަތެއް ކުރިމަތިވެފައި އޮތުމެވެ.

އެކަމަކު، އިއްޔެގެ އެ ތަގުރީރުން ވަރަށް ގިނަ އެހެން ކަންކަން ސާފުވި އެވެ. އެއް ކަމަކީ، އެކަން މުއިއްޒު އެ ކުރެއްވީ ގަސްތުގައި ކަމެވެ. އޭނާ އަކީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކަމަށް އެންމެ ބޮޑަށް އަޑުއަރާފައިވާ، އަދި އެ ދިމާއަށް ވަޑައިގަންނަވަން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް އަޑުފެތުރިފައިވާ ބޭފުޅެކެވެ. އަދި، އޭނާ ޕީޕީއެމުން ނުކުންނަވާކަން އިއްޔެ އިއުލާން ކުރައްވަން ވެސް ނިންމަވާފައިވާ ކަމުގެ އަޑުތަކެއް އޮތީ ގަދަވެފަ އެވެ. އެހެންވެ، އެ ވާހަކަ ވިދާޅުވެވެން ނެތް ކަމާއި އޭނާ އަށް މަޖުބޫރީ ހާލަތެއް އޮތްކަން އާންމުންނަށް އޭނާ އިއްޔެ ދެއްކެވީ ކަމަށް ވުން ވެސް އެކަށީގެން ވެ އެވެ.

އަނެއް ކަމަކީ އޭނާ އެ ދެއްކެވީ ޕީޕީއެމް އޮތް ހާލަތު ކަމެވެ. ރިޔާސީ އިންތިހާބަށް ނަން ހުށަހަޅަން އޮތް މުއްދަތު ހަމަވާއިރު ވެސް ޕީޕީއެމަށް ކެނޑިޑޭޓެއް ނުނެރެވި، ނުކުތުމުގެ ޝައުގުވެރިކަން އޮތް ބޭފުޅުން ވެސް ތިއްބެވި ހާލަތެވެ. މުއިއްޒު ފަދައިން ލީޑާޝިޕްގެ އެހެން ބައެއް ބޭފުޅުން ވެސް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރައްވަން ޝައުގުވެރިކަން ހުރިކަން އެއީ ސިއްރެއް ނޫނެވެ. އެކަމަކު، އެއިން އެއްވެސް ބޭފުޅަކު އެއްވެސް ވާހަކަފުޅެއް ނުދައްކަވައި އެ ތިއްބަވަނީ ޔާމީންގެ ތާއީދު ބޭނުންވާނެތީ އެވެ.

ޔާމީން ޖަލަށް ގެންދަނީ: އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަން އެނގޭ -- ފައިލް ފޮޓޯ: މިހާރު
ޔާމީން ޖަލަށް ގެންދަނީ: އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތް ކަން އެނގޭ -- ފައިލް ފޮޓޯ: މިހާރު

ޕީޕީއެމްގެ މުޅި ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަން އެއީ ޔަގީން ކަމެކެވެ. އެކަމަކު ޔާމީނަށް ކުރިމަތި ނުލެއްވޭނެ ކަން އެއީ މިހާރު ކަށަވަރު ކަމެކެވެ. ފޯމް ހުށަހެޅިޔަސް، އެ ފޯމް ބާތިލްވާނެ ކަން "ނުވިހާ ކުއްޖާ" ވެސް ގަބޫލު ކުރާހެން އެއީ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ. އެކަމަކު، ޕީޕީއެމްގެ ލީޑާޝިޕް [ހިތާ ދެކޮޅަށް ކަމަށް ވިޔަސް] އަދިވެސް ބޭނުން ވަނީ ޔާމީން ނޫން ބޭފުޅަކަށް އެ ފުރުސަތު ނުދީވޭތޯ އެވެ. ނުވަތަ، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންގެ މިހާރުގެ މަސައްކަތަކަށް ވެފައި އޮތީ ވެސް ޔާމީނާ ދެކޮޅަށް ކިރިޔާ މީހަކު ތެދުވެލިޔަސް، އެ މީހެއްގެ ސިޔާސީ ކުރިމަގު ފުނޑާލުމުގެ މަސައްކަތެވެ. އެހެންވެ، މުއިއްޒުމެން ކަހަލަ ބޭފުޅުން އެ ދަލުގައި ޖެހޭކަށް ބޭނުމެއް ނުވެ އެވެ.

އެކަމަކު ޕީޕީއެމް އަކީ ހަމައެކަނި ޔާމީންގެ އެކަނި ޕާޓީއެއް ނޫނެވެ. އަދި އެއީ ޔާމީން ގުރުބާނީތަކެއް ވެގެން އުފެއްދެވި ޕާޓީއެއް ވެސް ނޫނެވެ. އަދި، އެ ޕާޓީގެ މެމްބަރުންގެ އަދަދު 40،000 އާ ގާތްކުރި އިރު، އެއީ ހަމައެކަނި ޔާމީންގެ އެކަނި މަސައްކަތްޕުޅެއް ވެސް ނޫނެވެ. އެއީ އެ ޕާޓީގެ އެންމެންގެ ވެސް ހައްގެކެވެ. އެހެންވެ، ޔާމީނަށް އޮންނަ ހައްގުތައް އެހެން އެންމެންނަށް ވެސް އޮންނަން ޖެހެ އެވެ.

އެކަމަކު، މިހާރު ޕީޕީއެމް އޮތީ އެގޮތަކަށް ނޫނެވެ. ރާއްޖޭގެ ދެ ވަނަ އަށް އޮތް އެންމެ ބޮޑު ޕާޓީ އޮތީ ޚުދު ޔާމީނާއި ޕާޓީގެ އަސާސްތަކާ ވެސް ހިލާފަށް، އެކަކަށް ހައިޖެކް ވެފަ އެވެ. މުއިއްޒުގެ އިއްޔެގެ ބަޔާން އެއީ، އެކަމަށް މުއިއްޒު އިއުތިރާފު ވިޔަސް ނުވިޔަސް އޭގެ ހެއްކެކެވެ. ފެންނަމުންދާ މަންޒަރަކީ، ޕީޕީއެމަށް މި ރޭހުގައި ކުރިއަށް ނުދެވުނު ކަމެވެ. ސިޔާސީ ކުރިމަގު ބައްޓަން ކުރަން ބޭނުންވާ މީހުންގެ ހުރަކަށް ޔާމީން ވެފައި އޮތް ތަނެވެ.

ޕީޕީއެމް އަކީ ބޮޑު ޕާޓީއެއް ކަމާއި އެ ޕާޓީގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ދޭން ރާއްޖޭގެ އެކި ހިސާބުގައި އެތައް ހާސް މީހުން ތިބިކަން އެންމެންނަށް ވެސް އެނގެ އެވެ. އޭގެ މާނަ ވަރަށް ސާފެވެ. ޕީޕީއެމުން ރަނގަޅު ކެނޑިޑޭޓެއް ނެރެފި ނަމަ ރަނގަޅަށް ވާދަކުރެވޭނެ ކަމެވެ.

އެކަމަކު އެ ފުރުސަތެއް އަދި ނެތެވެ. ވަގުތު ކުޑަތަންވެ، ޕީޕީއެމް ބޮނޑިބޮއިފާނެކަން ކަށަވަރުވާ އިރު ވެސް ޔާމީން ގޮތް ދޫކުރައްވަން ބޭނުންފުޅެއް ނުވެ އެވެ. ޔާމީނަށް އެކަން ކުރެއްވެން ނެތް އިރު އެކަން އެހެން ބޭފުޅަކު ކުރެއްވިޔަ ދޭން ވެސް އެމަނިކުފާނު ބޭނުންފުޅު ނުވާކަން ފެންނަ މަންޒަރުތަކުން މިއޮއް ދަނީ ސާފުވަމުންނެވެ.

މި ވާހަކަތައް އާންމުކޮށް ޕީޕީއެމުން ދައްކަން ބޭނުން ނުވިޔަސް، މި މައްސަލައިގައި ޕީޕީއެމްގެ ލީޑަޝިޕްގެ ވެސް ވަރަށް ބޮޑަށް އޮތީ ހިޔާލުތަފާތު ވެފަ އެވެ. ފާޅުގައި ބުނަން ބޭނުން ނުވިޔަސް، ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަން ބޭނުން ނުވާ މީސްމީހުން ވެސް ލީޑަޝިޕްގައި އެބަތިއްބެވެ. ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން ޖަލުން ސަލާމަތް ވާން ބޭނުން ނުވާ މީހުން ވެސް އޭގެ ތެރޭގައި އެބަތިއްބެވެ. ހަމަ އެހެންމެ، ޔާމީން ބޭނުންފުޅު ވިޔަސް ނުވިޔަސް ކެނޑިޑެސީ އިއުލާން ކުރަން ބޭނުންވާ ބޭފުޅުން ވެސް އެބަތިއްބެވި އެވެ. އެކަމަކު، އެ ބޭފުޅުން ޖެހިލުން ވަނީ އެންމެ ކަމަކާ އެވެ. އެއީ، ޕީޕީއެމުން އެ ބޭފުޅުން ބޭރުކޮށްލައިފާނެ ކަމުގެ ބިރެވެ!

ބިރަކީ، ޔާމީންގެ ލީޑަޝިޕެއްގައި އެއް އިރެއްގައި ވެސް ކުޑަ އެއްޗެއް ނޫނެވެ. މައްސަލަ އަކީ ވެސް އެއީ އެވެ.!