ރައީސް އަރިހަށް ދާންވީ އެވެ؛ މި ހުރީ ސަބަބުތަކެވެ؛

މި އުޅެނީ އަބުރުގެ ގާނޫނެއް ފާސްކޮށްގެން މި ގައުމުން މިނިވަން ނޫސްވެރިކަން ގެއްލުވާލައިފާނެ ކަމުގެ ބިރު ހީވެގެންނެވެ. އެ ގާނޫނު ފާސް ކުރާނީ މާދަމާ ނޫން ކަމެއް ނޭނގެ އެވެ. އޭގެ ކުރިން ފިޔަވަޅު އަޅަން އެބަޖެހެ އެވެ. މިކަން ހައްލު ކޮށްދެވޭނެ އެހެން މީހަކު ނެތެވެ. ހުރީ ރައީސަށް އެކަންޏެވެ.

މި އުޅެނީ ރައްޓެއްސަކު މުޒާހަރާއެއްގެ ތެރޭގައި ފުލުހަކާ ދިމާއަށް އެއްޗެއް ބުނި ކަމަށް ތުހުމަތުކޮށްގެން ދައުވާ ކުރަން ކޯޓަށް ގެންދާތީ އެވެ. ދިފާއީ ހެކިން ބަލައެއް ނުގަނެ އެވެ. އޭނާ އެއްވެސް ކުށެއް ނުކުރެ އެވެ. އެކަމަކު މިހާރު ކަން ވާ ގޮތުން ހުކުމް އަންނާނެ ކަމަށް ބެލެވެ އެވެ. މިކަމަށް އެހީތެރިވެދެވޭނީ ރައީސަށެވެ.

މިއުޅެނީ ބޭރުން ކިޔަވައިގެން އައި ކޮއްކޮ ވަޒީފާއެއް ނެތިގެން ހުންނަތާ އެތަކެއް މަސް ވެގެންނެވެ. އެކި ތަންތަނަށް ސިޓީ ލެވިއްޖެ އެވެ. އޭގެ ފަހުން ވެސް އެކި މީހުންނަށް އެ ވަޒީފާ ދީފި އެވެ. އަވަހަށް ރައީސް އަރިހަށް ދާންވީ އެވެ. އެ ނޫން ގޮތެއް ދެން ނެތެވެ.

މިއުޅެނީ ވަޒީފާގެ ގޮތުގައި ނޫސްވެރިކަން ނުކުރެވޭނެ ކަމަށް ކޯޓުން ހުކުމެއް ކޮށްގެންނެވެ. އެކަމަކު ނުކޮށް ވާކަށް ވެސް ނެތެވެ. އަނބިދަރިންނަށް ކާންދޭނެ ގޮތެއް ނެތެވެ. މި މައްސަލައިގައި ހައްގު ހޯދަން ދާނެ އިތުރު ތަނެއް ނެތެވެ. އޮތީ ހިއުމަން ރައިޓްސް ކޮމިޝަނެވެ. އެތަން އޮތީ ވާވެފަ އެވެ. މިކަން ހައްލު ކޮށްދެވޭނެ، ރައީސް ނޫން އިތުރު މީހަކު ނެތެވެ.

މި އުޅެނީ މުޒާހަރާ ނުކުރެވިގެންނެވެ. ފުލުހުން އެކަން ހުއްޓުވަނީ އެވެ. ރައީސް މިކަމަށް ކޮންމެވެސް ހައްލެއް ގެނެސްދެއްވަ ބައްލަވާށެވެ!

ދިވެހިންތަކެއް ހިނގާލުމެއްގައި: ބިރުނުގަނެ ޚިޔާލުފާޅުކުރެވެން ޖެހޭނެ -- ފޮޓޯ: އަލްޖަޒީރާ
ދިވެހިންތަކެއް ހިނގާލުމެއްގައި: ބިރުނުގަނެ ޚިޔާލުފާޅުކުރެވެން ޖެހޭނެ -- ފޮޓޯ: އަލްޖަޒީރާ

މަތީގައި މި ހުރި ހުރިހާ ކަމަކީ ވެސް ގާނޫނު އަސާސީން ކަށަވަރުވެ، އެކަމަކު ރައީސަށް ނޫނީ ކޮށްދެވެން ނެތް ކަންކަން ކަމަށް މިހާރު އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. މުޒާހަރާ ކުރުމުގެ ހައްގު އެއީ ގާނޫނު އަސަސީން ކަށަވަރުވެފައިވާ ހައްގެކެވެ. ބޭނުން ވަޒީފާއެއް އަދާކުރުމުގެ ހައްގާއި، ހަމަހަމަ ކަމާ އެކު ވަޒީފާ ދިނުމުގެ ހައްގާއި ޝަރީއަތުގައި ދިފާއުވުމުގެ ހައްގާއި ކުށް ނުކުރާ މީހަކު ކުށުން ދިފާއު ވުމުގެ ހައްގާއި މިނިވަން ކަމާ އެކު ލިޔުމާއި ޚިޔާލު ފާޅުކުރުމުގެ ހައްގު އެއީ ވަރަށް ސާފު ތިލަ ދިވެހި ބަހުން ގާނޫނުއަސާސީގައި ލިޔެފައިވާ އަސާސީ ހައްގެކެވެ. އެކަމަކު މިހާރު މިއިން ކަމެއް ކުރަން ބޭނުން ވެއްޖެ ނަމަ، އޮތް މަގަކީ ރައީސް އަރިހަށް ގޮސް ސަލާން ޖެހުމެވެ. ގާނޫނުއަސާސީގައި މި ހައްގުތައް ކަށަވަރުވެފައިވީ ނަމަވެސް އެ ހައްގުތައް މި ލިބެނީ ރައީސް ހަދިޔާއެއްގެ ގޮތުގައި އެ ދެއްވަން ބޭނުންފުޅު ވެއްޖެ ނަމަ އެވެ.

މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އިނގިރޭސިވިލާތުގެ ސަފީރު ވެސް ވިދާޅުވި ފަދައިން ހުރިހާ ބާރެއްގެ ވެރިޔަކީ ރައީސެވެ. މުޅި ގައުމު ފުނޑިގެން މި ދަނީ ގާނޫނުއަސާސީގައި ވަކިވަކިކޮށްފައިވާ ބާރުތައް އެއް ބާރެއްގެ ތެރެއަށް ގޮސް މަސްހުނިވެގެންނެވެ. އާ ގާނޫނުއަސާސީއަކަށް އަމަލު ކުރަމުން ދިޔަ ނަމަވެސް، ނިޒާމު ހިނގަމުން މިދަނީ ތިން ބާރު އެއްވެފައިވާ މައުމޫން އަބްދުލް ގައްޔޫމް ވެރިކަން ކުރި އަހަރުތަކެކޭ އެއްގޮތަށް، ބާ ގާނޫނުއަސާސީއާ އެއްގޮތަށެވެ. އަލުން އެނބުރި އެ ގާނޫނުއަސާސީ މިއޮއް އިއާދަވީ އެވެ. އެ ގާނޫނުއަސާސީ ބުނާ ގޮތުން ހުރިހާ ބާރެއްގެ ވެރިޔަކީ ރައީސެވެ. ރައީސަށް އެނގިވަޑައިނުގެން ގައުމުގައި ހަމަ އެއްވެސް ކަމެއް އޭރަކު ނުހިނގާނެ އެވެ. މައުމޫންގެ ވެރިކަން 30 އަހަރަށް ދެމިގެން ދިޔައީ އެހެންވެ އެވެ.

ނޫސްވެރިން ހައްގުތައް ހޯދަން މުޒާހަރާކުރަނީ: އާންމު ކަމަކަށް ވެއްޖެ -- ފޮޓޯ؛ މިހާރު
ނޫސްވެރިން ހައްގުތައް ހޯދަން މުޒާހަރާކުރަނީ: އާންމު ކަމަކަށް ވެއްޖެ -- ފޮޓޯ؛ މިހާރު

މިނިވަން ދުވަހެއް އަނެއްކާ ވެސް ފާހަގަކުރާ އިރު، އެއްބަޔަކު ބުނަމުން މިދަނީ ރާއްޖެ ބޭރު ބައެއްގެ އަތްދަށުގައި ނެތް ނަމަވެސް، މިނިވަން ކަމެއް ނެތް ކަމަށެވެ. ގާނޫނުއަސާސީގައި ވަރަށް ފުޅާ ދާއިރާއެއްގައި ކަށަވަރުވެފައިވާ އަސާސީ މިނިވަންކަން މިއޮތީ ހިފެހެއްޓިފަ އެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މިއޮތީ ފާޑަކަށް ގެއްލިފަ އެވެ. ކުށްވެރިންނަށް ލިބޭ ބައެއް ހައްގުތަކުން އޮތީ މަހުރޫމްވެފަ އެވެ. ދިފާއުވުމުގެ ދޮރު ބައެއް މީހުންނަށް އޮތީ ބަންދުވެެފަ އެވެ. ކޯޓުގެ ހުކުމްތަކާ ދޭތެރޭ އެތަކެއް ބަޔަކު ދަނީ ޝައްކުގެ ނަޒަރުން ބަލަމުންނެވެ. ވަކި ބަޔަކު ކުށް ކުރީމަ، އެކަން ކުށަކަށް ނުވެ، އަނެއް ބަޔަކު ކުށް ނުކުރިޔަސް ކުށްވެރިވަމުން އެބަ ދެ އެވެ. އެއް ކުށެއް ކޮށްފައި، އެކަކު ސަލާމަތްވާއިރު އަނެކަކު ޖަލަށް ދާންް އެބަޖެހެ އެވެ. ގަދަ ބާރުން ކުރާ ކަންކަން ގިނަވަމުން އެބަ ދެ އެވެ. ފާޑު ކިޔާ މީހުން ފްރޭމްވަމުން އެބަ ދެ އެވެ. ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި މިނިވަން މުއައްސަސާތަކުގެ ބޭނުން ކެނޑި ބޭކާރު ތަންތަނަށް ވެ ނިމިއްޖެ އެވެ. ވެރިކަން ކުރާ ފަރާތް ދެކެ ބިރުން އަނގަ ހުޅުވާލަން ނުކެރި، ހިތާ ދެކޮޅަށް އުޅެން ޖެހިއްޖެ އެވެ. "މިނިވަންކަން" އެއީ ވެސް ރައީސް ދެއްވި ވަރަކަށް ލިބޭ އެއްޗަކަށް ވެ ނިމިއްޖެ އެވެ.

މި ހިސާބަށް ގައުމުގެ ކަންކަން ދިޔައީ ކީއްވެގެންތޯ އެހުމުގެ ބޭނުމެއް ނެތެވެ؛ އޭގެ ޖަވާބު އެބައޮތެވެ. ގައުމަށް މި ހާލަތް މެދުވެރިވީ ގާނޫނުއަސާސީއާ ޚިލާފަށް ބާރުތައް ބޭނުން ކުރާތީ އެވެ. ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ތިން ބާރު ވަކިވެފައިވާ އިރު، އޭގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކައްޗަކަށް ވީ ހިސާބުން ދެން އޮތް ހުރިހާ ބާރެއްގެ މިނިވަންކަން ހަގީގަތުގައި ގެއްލިއްޖެ އެވެ. ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަން މުޅިން ގެއްލި، ސަރުކާރުގެ އަތްދަށަށް އެ ބާރު ދިޔައީ އެ މީހުންގެ ދިރުމާއި މަރު އޮތީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި ކަމަށް ވާތީ އެވެ. މިނިވަން މުއައްސަސާތަކުގެ ބެލެނިވެރި ފަރާތަކީ ވެސް ރައްޔިތުންގެ މަޖިލިސް ކަމަށް ވާތީ އެ މުއައްސަސާތައް ވެސް ސަރުކާރުގެ މުށުތެރެއަށް ދިޔައީ އެހެންވެ އެވެ. މި ހުރިހާ ސަބަބަކާ ހުރެ، މި ވެރިކަން ފެށުނީއްސުރެ ކުރަމުން މިއަންނަ ވެރިކަމަކީ އެކެއްގެ އަތްދަށުގައި ހުރިހާ ބާރެއް ވަރަށް ސީދާކޮށް އޮތް ވެރިކަމަކަށް ވަނީ ވެފަ އެވެ. ރައީސަށް ބާރު ނުފޯރުއްވޭނެ ކަމެއް މި ގައުމުގައި ނުހިނގާ ވަރަށް ބާރު ގަދަވާން ޖެހުނީ މި ސަބަބާ ހުރެ ކަން ކަށަވަރެވެ.

ގައުމަށް ކިތަންމެ ބޮޑު ކަމެއް ދިމާވެގެން ވިޔަސް ރައީސަށް ވެސް އަދި ކޯޓުތަކަށް ވެސް ނުހިފޭއްޓޭނެ ހައްގުތަކެއް ހުރެ އެވެ. އަދި އެ ހައްގުތައް އެހެން ގާނޫނަކުން ހަނި ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި އެބަ ބުނެ އެވެ. އެކަމަކު މި ފެންނަނީ އެހެން މަންޒަރެވެ.

ނިޒާމު އޮތް ގޮތުން ބާރުތައް ލިބިވަޑައިގަތަސް ގާނޫނުއަސާސީގައި ހުރި ހައްގުތަކަކީ ރައީސް ދެއްވާ ހައްގުތަކެއް ނޫނެވެ. އެއީ ކިތަންމެ ބާރު ގަދަ މީހަކަށް ވެސް މުށުތެރެއަށް ލައި ހިފެހެއްޓިގެން ވާނެ ހައްގުތަކެއް ނޫން ކަމަށް ގާނޫނުއަސާސީގައި އެބަ ބުނެ އެވެ. ގައުމަށް ކިތަންމެ ބޮޑު ކަމެއް ދިމާވެގެން ވިޔަސް ރައީސަށް ވެސް އަދި ކޯޓުތަކަށް ވެސް ނުހިފޭއްޓޭނެ ހައްގުތަކެއް ހުރެ އެވެ. އަދި އެ ހައްގުތައް އެހެން ގާނޫނަކުން ހަނި ނުކުރެވޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި އެބަ ބުނެ އެވެ. އެކަމަކު މި ފެންނަނީ އެހެން މަންޒަރެވެ. އެކި ގާނޫނުތަކުން އެކިއެކި މިނިވަންކަމާއި ހައްގުތައް އެބަ ހަނި ކުރެވެ އެވެ.

މިނިވަންކަމާއި އަސާސީ ހައްގުތަކާއި އަސާސީ ހިދުމަތްތަކަކީ އެއީ ރައީސް ކިތަންމެ ހިތްހަމަނުޖެހުނަސް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަކަމާ އެކު ލިބެން ޖެހޭ އެއްޗިއްސެވެ. ވެރިކަން ކުރާ ޕާޓީ އަށް ސަޕޯޓް ކުރާ މީހުންނަށް ވަކި ގޮތެއް ހަދާފައި، އިދިކޮޅު މީހުންނަށް އެހެން ގޮތެއް ހަދާކަށް ގާނޫނުއަސާސީއަކު ނޯވެ އެވެ. ވެރިކަން ހިމާޔަތް ކުރަން ބޭނުން ވިޔަސް، އަދި ދެން އޮތް ދައުރަށް ނުހޮވިދާނެތީ އޭގެ ބިރު އޮތަސް އެހެން މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުން ބަންދެއް ނުކުރެވޭނެ އެވެ. ނޫސްވެރިކަން މަރައެއް ނުލެވޭނެ އެވެ. ހުދުމުހުތާރުކަން އިސް ކުރެވޭނެ ގޮތެއް ނެތެވެ. ހިތްހަމަނުޖެހޭ މީހުންނަށް ވަޒީފާގެ ދޮރު ބަންދެއް ނުކުރެވޭނެ އެވެ. އެކިއެކި ކުށްކުށުގެ ތުހުމަތު ކޮށްފައި މީހުން ޖަލަކަށް ނުލެވޭނެ އެވެ. ހައްގުތަކަކީ ރައީސް ދެއްވައިގެން، އެމަނިކުފާނުގެ ހެޔޮފުޅުކަމުން ލިބެން ޖެހޭ އެއްޗެއް ނޫނެވެ. މިއީ ދިވެހި ރައްޔިތަކަށް ވީތީ ލިބެން މަޖުބޫރު އެއްޗެކެވެ. އެ ހައްގުތައް ހިފަހައްޓާ ނަމަ އެ ހޯދަން ނުކުންނަން ވެސް ޖެހޭނެ އެވެ. ހައްގު ހޯދަން މަސައްކަތް ވެސް ކުރަން ޖެހޭނެ އެވެ.

ރާއްޖެ ވަޑައިގެންނެވި ޔޫރަޕްގެ އެމްބެސެޑަރަކު، "މިހާރު"ގެ ނޫސްވެރިންތަކަކާ ވާހަކަ ދައްކަވަމުން އެއް ދުވަހަކު ވިދާޅުވި އެވެ. "ހުރިހާ ވެސް މައްސަލައަކީ ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ބާރުތައް އެކި ގޮތްގޮތަށް އެކި ފަރާތްތަކުން ބޭނުން ކުރުމެވެ. އެހެން ނޫނީ، ރާއްޖޭގެ ސިޔާސީ އަދި ހިންގުމުގެ ވެށީގައި މާ ބޮޑު މައްސަލައެއް ނޯންނާނެ އެވެ. މި ގައުމު ހިނގާނީ ވަރަށް އަމާން އޮމާން ކަމާ އެކު އެވެ."

އެއީ ވަރަށް ބޮޑު ތެދެކެވެ.