ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ، އަދި އެންމެ ބޮޑު ގޭންގު ލީޑަރު ހައްޔަރުކޮށްފައިވާ ކަމަށް ކޮލަމްބިއާ އިން އިއްޔެ ބުނެފި އެވެ.

އޮޓޮނިއެލްގެ ނަމުން މަޝްހޫރުވެފައިވާ ޑައިރޯ އެންޓޯނިއާ އުސުގާ ހައްޔަރުކުރީ ކޮލަމްބީއާގެ ވައިގެ ސިފައިންނާޢި އެއްގަމު ސިފައިންގެ އިތުރުން ފުލުހުން ގުޅިގެން ހިންގި ހާއްސަ ހަރަކާތެއްގަ އެވެ. އޭނާ ދިރިއުޅޭ ތަނެއްގެ މައުލޫމާތު ފޯރުކޮށްދިން މީހަކަށް 800000 ޑޮލަރު ދިނުމަށް، ކޮލްމްބިއާ ސަރުކާރުން އޮތީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން، އޭނާ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް އެމެރިކާ ސަރުކާރުން ވެސް އޮތީ އިއުލާން ކޮށްފަ އެވެ.

ކޮލްމްބިއާގެ ރައީސް އިވާން ދޫކޭ މަރްކޭސް ވިދާޅުވީ އޮޓޮނިއެލް އަތުލައިގަތުމަކީ، އެ ގައުމުގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ އެ ގައުމުގެ ކުރީގެ ގޭންގު ލީޑަރު އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ ޕަބްލޯ އެސްކޮބާ 1991 ވަނަ އަހަރު ހައްޔަރުކުރި ފަހުން، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ހިންގި އެންމެ ކާމިޔާބު އޮޕަރޭޝަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޮޓޮނިއެލް އަތުލައިގަތީ، އޭނާ ފިލައިގެން ދިރިއުޅެމުން އައި ރަށްފުށު ސަރަހައްދެއް ކަމަށްވާ އެންޓިއޯކުއާ ޕްރޮވިންސްގައި އުޅެނިކޮށެވެ. ޕެނަމާއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އެ ޕްރޮވިންސްގައި އޭނާ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން، ސިފައިންނާއި ފުލުހުން ހިންގި ހަރަކާތާ ބެހޭ މާ ގިނަ ތަފްސީލުތަކެއް ކޮލަމްބިއާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެ ހަރަކާތުގެ މައުލޫމާތު ދެއްވަމުން ކޮލްމްބިއާގެ ރައީސް ވިދާޅުވި ގޮތުގައި އޮޓޮނިއެލް ހައްޔަރުކުރުމަށް ހިންގި ހަރަކާތުގައި، ފުލުހުންގެ މީހަކު މަރުވި އެވެ. އެހެންކަމުން އޭނާ އަތުލައިގަތުމަށް ސިފައިންނާއި ފުލުހުން ހިންގި ހަރަކާތުގައި އޮޓޮނިއެލްގެ ގޭންގު މީހުންނާއި ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިކަން އެނގެ އެވެ.

މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައިވެސް، އޮޓޮނިއެލް އަތުލައިގަތުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގާފައިވެ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް، އޮޓޮނިއެލް ފުލުހުންގެ އަތުގައި ނުޖެހި ފިލައިގެން ދަނީ އެވެ.

އޮޓޮނިއެލް އިސްވެ ހުރެ ހިންގާ ގޭންގަކީ، ކޮލަމްބިއާގެ ސަލާމަތީ ހިދުމަތްތަކުން ގިންތިކޮށްފައިވާ ގޮތުން، އެ ގައުމުގައި ހިންގާ އެންމެ ބާރުގަދަ އަދި އެންމެ ބޮޑެތި ޖަރީމާތައް ހިންގާ ގޭންގެވެ. އެމެރިކާ އިން ބުނާ ގޮތުގައި އެ ގޭންގަކީ ކޮލްމްބިއާގައި ހިންގާ، އެންމެ އަނިޔާވެރި އަދި އެންމެ ގިނަ ހަތިޔާރު ގެންގުޅޭ ގޭންގެވެ.

ގަލްފު ކްލޭން ނުވަތަ އުސުގާ ކްލޭންގެ ނަމުން މިހާރު މަޝްހޫރުވެފައިވާ ގޭންގުގެ ހަރަކާތްތައް ކޮލަމްބިއާގެ ވަރަށް ގިނަ ޕްރޮވިންސްތަކުގައި ހިންގަ އެވެ. އަދި ބައިނަލްއަގުވާމީ ވަގުވިޔަފާރީގައި ވެސް އެ ގޭންގުގެ ނުފޫޒު ވަރަށް ގަދަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މީހުން އެއްގައުމުން އަނެއް ގައުމަށް ވަގަށް އެތެރެކުރުމާއި، ރަނުގެ ވަގު ވިޔަފާރިއާއި މީހުން ރަހީނުކުރުމުގެ އަމަލުތައް ހިމެނެ އެވެ.

އެ ގޭންގުގައި ހިމެނޭ، އަސްކަރީ ފުރިހަމަ ތަމްރީން ލިބިފައިވާ ހަނގުރާމަވެރިންގެ އަދަދު 1800 އަށް ވުރެ ގިނަވާނެ ކަމަށް ކޮލަމްބިއާ ސަރުކާރުން ލަފާކުރެ އެވެ. ކޮލަމްބިއާ އިން އެމެރިކާ އާއި ރަޝިޔާ އަށް ވަގަށް މަސްތުވާތަކެތި ފޮނުވާ ހުރިހާ މަގުތަކެއް ކޮންޓްރޯލް ކުރަނީ އާންމު ގޮތެއްގައި، އެ ގޭންގުގެ ހަނގުރާމަވެރިންނެވެ.