ބްރެޒިލިއާ، ބްރެޒިލް (ޖުލައި 7) - ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް ދިއުމުން ކެޕްޓަން ލިއޮނެލް މެސީ، ގޯލް ކީޕަރު އެމިލިއާނޯ މާޓިނޭޒަށް ތައުރީފު ބަންޑުން ކޮށްލަިއފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ޕެނަލްޓީގައި އާޖެންޓީ ކުރި ހޯދީ 3-2 އިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި މާޓިނޭޒް ވަނީ ތިން ޕެނަލްޓީ ސޭވްކޮށްފަ އެވެ. މެސީ ބުނީ ޕެނަލްޓީއާ މެދު މާޓިނޭޒަށް އިތުބާރު އޮތް ކަމަށެވެ.

"ޕެނަލްޓީ ޝޫޓްއައުޓަކީ މުޅިން ނަސީބު ނަމަވެސް އަހަރެމެންނަށް އިތުބާރު އޮތް ފަހު ދެ ޕެނަލްޓީ އޭނާ ދިފާއު ކުރާނެކަން،" މެޗަށް ފަހު މެސީ ބުންޏެވެ. "އޭނާ އަށް އެކަން ހައްގު ވޭ. އޭނާ އަކީ ކީޕަރުންގެ ތެރެއިން އާދަޔާ ހިލާފު ކީޕަރެއް."

މާޓީނޭޒް ބޯޅަ ސޭވް ކުރަނީ --- ފޮޓޯ: އޭއެފްޕީ
މާޓީނޭޒް ބޯޅަ ސޭވް ކުރަނީ --- ފޮޓޯ: އޭއެފްޕީ

މެޗުގައި ފުރަތަމަ ލީޑު ނެގީ އާޖެންޓީނާ އިންނެވެ. މެޗު ފެށިގެން ހަތް ވަނަ މިނެޓު ގައި ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފުގައި ލުއިޒް ޑިއާޒް ކޮލމްބިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ޕެނަލްޓީ ޝޫޓުއައުޓްގައި އާޖެންޓީނާގެ ޕެނަލްޓީތައް ކާމިޔާބުކުރީ މެސީ އާއި ލިއަނާޑުރޯ ޕެރެޑޭޒް އާއި ލައުޓާރޯ އެވެ. އާޖެންޓީނާގެ ރޮޑްރިގޯ ޑި ޕަައުލް ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ކޮލަމްބިއާގެ ޕެނަލްޓީ ކާމިޔާބު ކުރީ ހުއާން ކުއެޑުރާޑޯ މިގުއެލް އެންހަލް ބޮރްހާ އެވެ. ޔެރީ މިނާ އާއި ޑާވިސަން ސަންޗޭޒް އަދި އެޑިވިން ކާޑޯނާ ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއުކުރި އެވެ.

ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވހުގެ ރޭ ފަތިހު ރާއްޖޭ ގަޑިން ފަހެއް ޖަހާއިރު އެވެ.