މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، ރާއްޖޭގެ ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމެންޓެއް ދޭނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
"ނުއިވޭ އަޑުތައް" ނަމުގައި މިރޭ އެ ޕާޓީގެ ޒުވާނުންނާއެކު ފެށި ސިލްސިލާ ޕްރޮގްރާމުގައި ޕާޓީގެ މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ އުފާވެރި އާއިލާއެއް ބިނާކުރުމަށް އެންްމެ އަސާސީ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތުގައި އާއިލާއަކަށް 1،200 އަކަފުޓުގެ ބިމެއް ނުވަތަ އެޕަޓްމެންޓެއް ލިބޭނެ. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކަން ކުރެވޭތަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ އާއިލާއަކަށް ލިބޭ ތަންކޮޅަށް ފައިސާ ދެއްކޭނެ ގޮތެއް ނެތްނަމަ އެކަމަށް ލުއި ގޮތެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން ރެންޓް ސަޕޯޓް ތައާރަފް ކުރަން ވައުދުވެވަޑައިގަތެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސަރުކާރެއްގައި އެޕާޓްމެންޓް ބަދަލުކުރެވޭ ގޮތަށް ހަދައިދިނުމަކީ ގެންގުޅޭ ސިޔާސަތެކެވެ.
"އާއިލާއަކަށް އެޕާޓްމެންޓެއް ލިބިފައި އެ އާއިލާ ބޮޑުވީމައި އެ އާއިލާއަށް އެއަށްވުރެ ބޮޑު އެޕާޓްމެންޓެއް ލިބޭނެގޮތް ހަދައިދިނުން. އެ އެޕާޓްމެންޓުން އެހެން އެޕާޓްމެންޓަކަށް ބަދަލު ނުކުރެވޭ ސިޔާސަތެއް އޮވެގެން ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
"މިސާލަކަށް އަލަތު ކައިވެންޏަށް ފަހު އެ އާއިލާ ބޮޑުވުމުން އެ އުލުނު އެޕާޓްމަންޓް ދޫކޮށްލާފައި އެހެން ތަނަކަށް ބަދަލުވެވޭނެ ސިޔާސަތެއް އަޅުގަނޑުމެން ގާއިމް ކުރާނަން. އެޕާޓްމެންޓް ޝިފްޓް ކުރެވޭ ގޮތަށް ބަދަލުކުރުން."
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ދެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ނާޒިމް ވިދާޅުވީ އިންޓްރެސްޓް ފްރީކޮށް ލޯނު ދޫކުރުމެވެ.
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން މީގެ ކުރިން ވެސް ނާޒިމް ވާހަކަ ދައްކަވާފައިވެ އެވެ
އެގޮތުން އުމުރުން 18 އަހަރުވާ ކޮންމެ މީހަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި ހަމަޖައްސައި، ގޯތި ލިސްޓުގައި އެ މީހެއްގެ ނަން ހިމެނިއްޖެ ނަމަ، އެމީހަކު އަލުން ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.