އައްޑޫ ތަރައްގީކުރުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެފަދަ ވިސްނުންތަކާއި ޕްލޭންތަކާ އެކީ އެކަން ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް މިއަދު ވިދާޅުވި އެވެ.

ދާދި ފަހުން ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނި ޕާޓީގެ އަތޮޅުތެރޭގެ ފުރަތަމަ އޮފީސް އައްޑޫ ފޭދޫގައި ހުޅުވަން ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީ އަކީ މުޅި ރާއްޖޭގެ ތަރައްގީއާ ގުޅިފައި އޮތް ކަމަށްވާތީ އެ ޕާޓީގެ މެނިފެސްޓޯގައި ރާއްޖޭގެ އެންމެ ދެކުނުން އޮތް ސިޓީގެ ތަރައްގީ ވަރަށް ބޮޑަށް ހިމެނޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރަށް ދުވަސްކޮށްފައި އައްޑު އަށް ވަޑައިގެންނެވި އިރު ވެސް އައްޑުއަކުން އަދިވެސް ތަރައްގީގެ މާ ބޮޑު ކުލަވަރެއް ނުފެނެ އެވެ. އެކަމަކު 2014 ގައި ހިސާބުގައި މިނިސްޓަރެއްގެ މަގާމެއްގައި ހުންނެވި ދުވަސްވަރު އައްޑޫގެ ތަރައްގީ އަށް ކަންކަން ކުރައްވަން މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އެކަމަކު މިހާ ދުވަސްކޮށްފައި އައްޑު އަށް އާދެވުމުން ވެސް އައްޑު އަށް ބޭނުންވާ އެކަށީގެންވާ ތަރައްގީ މިހާތަނަށް ގެނެވިފައިވާ ކަމަކަށް އަޅުގަނޑުގެ އަމިއްލަ ނަފުސު ވެސް ގަބޫލެއް ނުކުރޭ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީއާ ގުޅިފައި ހުރި ކަންކަމުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމާއި ވަކިން އޮތް ހުޅުމީދު އާއި އައްޑޫގެ އެހެން އަވަށްތަކާ ބްރިޖަކުން ގުޅާލުމާއި ތަފާތު ކޮންސެޕްޓެއްގެ ދަށުން އައްޑޫގެ ޓޫރިޒަމް ފުޅާކުރުން ހިމެނެ އެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެ ބަނދަރު [ގަން އެއާޕޯޓް] ތަރައްގީކޮށްގެން މެނުވީ އައްޑު އަށް އެކަށީގެންވާ ތަރައްގީއެއް ވެސް ނުގެނެވޭނެކަން،" ނާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ޕްލޭން އޮތް ގޮތުން އައްޑޫ ތަރައްގީކުރާނީ ހުވަދު އަތޮޅާއި ފުވައްމުލައް ވެސް ހިމެނޭ ގޮތަށް."

އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ބްރިޖަކީ މުހިއްމު ވަސީލަތަކަށްވާތީ އެކަން ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، ކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ވެސް ކުރުމަށް ފަހު އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސަރުކާރެއްގައި އެންމެ އިސްކަން ދޭނެ އެއް ބަޔަކީ ޒުވާނުންނެވެ. އެގޮތުން ވަޒީޒާއެއް ނެތް ޒުވާނުންތަކެއް އެ ޕާޓީގެ ސަރުކާރުގައި ރާއްޖޭގައި ނުތިބޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ހުރިހާ އެންމެންނަށް ވަޒީފާ ހޯދައި ދިނުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމަކަށް ނުވާތީ، ޕްރައިވެޓް ސެކްޓަރު ހަރުދަނާކޮށް، ވީހާ ވެސް ގިނަ ފުރުސަތުތައް ހޯދައިދޭން އެމްއެންޕީގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން އޮތީ ކޮންމެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް މި ޕާޓީގެ ފަރާތުން ސަރުކާރުންދޭ ދޭ ވަޒީފާތަކުގެ އިތުރުން އަޅުގަނޑުމެން މަސައްކަތްކުރާނީ އަމިއްލަ ގޮތުން މަސައްކަތްކުރާ ވިޔަފާވެރިން އިތުރުކޮށް، އެ މީހުން ޒުވާން ގުޅިގެން ވަޒީފާތައް ހޯދައި ދިނުމަށް މަގުފަހިކޮށް ދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.

"އަޅުގަަނޑުމެންގެ އެބައޮތް ޕްލޭނެއް. އަދި އެ ވަރަށް އަވަހަށް ހިއްސާ ވެސް ކުރާނަން."

އޭނާ ވިދާޅުވި ގޮތުގައި އެމްއެންޕީ އަކީ ދިވެހި ރައްޔިތުންގެ އިހުސާސްތައް ދަނެގެން ރައްޔިތުންގެ ވިންދާއި ރޫހާ އެކީ މަސައްކަތްކުރާނެ ޕާޓީއެވެ.

"ޔަގީންކަން އަރުވަން ބޭނުން ވަނީ ދވެހި ރައްޔިތުން އެދޭ ފަދަ ތަރައްގީ އާއި ވިސްނުން އޮތް ޕާޓީއަކަށް މި ޕާޓީ ވާނެކަން. އައްޑޫ ރައްޔިތުންނަށް ވެސް ދޭން އޮތް ޔަގިން ކަމަކީ އެއީ." ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން އައްޑު އާއި ފުވައްމުލަކަށް ކުރާ ދަތުރުގެ ތެރެއިން މިއަދު ހަވީރު ހިތަދޫގައި ވެސް ޕާޓީގެ އޮފީހެއް ހުޅުވާފައިވެ އެވެ. އަދި މާދަމާ ހުޅުމީދޫގައި އޮފީހެއް ހުޅުމަށް ފަހު، ފުވައްމުލަކުގައި ޕާޓީގެ އޮފީހެއް ހުޅުވައި ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.