ބޮގާޓާ (ސެޕްޓެމްބަރު 26) - ކޮލަމްބިއާގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް ޓައިގްރެސް އެފްސީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން ބަލިވުމުން ކްލަބްގެ ރައީސް އެޑްގާ ޕޭޒް މަރާލައިފި އެވެ.

އެތުލެޓިކޯ އެފްސީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބަލިވި މެޗަށް ފަހު އުމުރުން 63 އަހަރުގެ ޕޭޒް އޭނާގެ އަންހެން ދަރިފުޅާ އެކު ކާރުގައި އެނބުރި ގެއަށް ދަނިކޮށް އޭނާ މަރައިލީ ސްޓޭޑިއަމް ކައިރީގައި ސައިކަލެއްގައި ދިޔަ ދެ މީހަކު އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ. އޭނާގެ ދަރިފުޅު މި ހާދިސާއިން ސަލާމަތްވި އެވެ.

ޓައިގްރެސް އެފްސީން ނެރުނު ބަޔާނުގައި ބުނީ ޕޭޒްގެ މަރަކީ އެ ކްލަބަށާއި މުޅި ކުޅިވަރު ދާއިރާ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"އޭނާ ޓީމަށް ދޭ އަހައްމިއްޔަތުކަމާއި، އަޅުގަނޑުމެންގެ ސަރަހައްދުގެ ކުޅިވަރު ކުރިއެރުވުމަށް އޭނާ ކުރި މަސައްކަތުގެ ސަބަބުން އޭނާ އަކީ ކާކުކަން އެނގުނު ނަސީބު ލިބުނު އެންމެންނަށް ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ނިޝާނެއް އޭނާ އަކީ،" ޓައިގްރެސްއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ފުޓްބޯޅައިގެ ހިތްދަތި ނަތީޖާތަކާ ގުޅިގެން ކޮލަމްބިއާ އަކީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ގައުމެކެވެ. ވޯލްޑް ކަޕް 1994 ގައި ކޮލަމްބިއާގެ އޭރުގެ ޑިފެންޑަރު އެންޑްރެސް އެސްކޮބާ އަތުން ބައިކޮޅަށް ގޯލް ވަދެ މުބާރާތުން ކޮލަމްބިއާ ކެޓިތާ ފަސް ދުވަސްފަހުން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.