މާލެ ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނަގަނީ އާންމުންނަށް ނުރައްކާވާ ގޮތަށް ހުރެގެން ކަމަށް މާލޭ ސިޓީ ކައުންސިލް މިއަދު ބުނެފި އެވެ.

އެ ރުއްތައް ނަގާތީ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޒަޔާން އިސްމާއިލް | ޓުވިޓާ
ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޒަޔާން އިސްމާއިލް | ޓުވިޓާ

އެކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ބައެއް ރުއްތައް ހުރީ ވަރަށް ދުވަސްވެ، ވެއްޓެން ކައިރިވެފައި ކަމަށެވެ. އަދި ބައެއް ރުއްތައް ބިނދެން ކައިރިވެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އާންމުންގެ ރައްކާތެރިކަމަށް ޓަކައި އެ ރުއްތައް ނަގަނީ،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޒަޔާން އިސްމާއިލް | ޓުވިޓާ
ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ޒަޔާން އިސްމާއިލް | ޓުވިޓާ

ޖުމްހޫރީ މައިދާނުގައި ހުންނަ ރުއްތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދޭތެރެއަކުން އަބަދު ވެސް ކުރެ އެވެ.

ރުއްތައް ނެގުމަށް ފަހު ސިޓީ ކައުންސިލުން މިހާރު އަންނަނީ އެތަނުގައި އާ ރުއް އިންދަމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ ސިޓީ ކައުންސިލުން އެ ރުއްތައް ނަގަނީ އެތަނުގައި ކަދުރު ރުއް އިންދަން ވެގެން ކަމަށެވެ. ސިޓީ ކައުންސިލުން މިހާރު ވެސް އޮތީ މާލޭގެ ދެކުނު ފަރާތުގައި، ބޮޑުތަކުރާނު މަގުގެ އެއްކޮޅުން އަނެއްކޮޅަށް ކަދުރު ރުއް އިންދައިފަ އެވެ.

މާލޭގައި ފެހި ސަރަހައްދުތައް މަދުވުމުން، އެއްވެސް ތަނެއްގައި ހުރި ގަހެއް ކަނޑައިފި ނަމަ އާންމުން ފާޑުކިޔުން އަބަދުވެސް އެކަމަށް އަމާޒުވެ އެވެ.