ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ މަހު ފެށި ފެރީ ދަތުރުގެ ހަބަރެއް ނުވާތީ، އެކަން "ޗޮކުން" ދިޔައީތޯ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ސުވާލަށް، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރައްދު ދެއްވައިފި އެވެ.
ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު، ތާރީހީ ބޯޓު ހދ. ކުޅުދުއްފުއްޓަށް ދިޔައީ މިދިޔަ މަހު 21ގަ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން ބޯޓު ވަނީ މާލެ ގޮސްފަ އެވެ.
ބޯޓުގެ ހަބަރެއް ނުވާތީ، އިއްޔެ ޓްވިޓާގައި ނިހާން ވަނީ އެކަން ޗޮކުން ދިޔައީތޯ އައްސަވާފަ އެވެ.
"މި މަހު އަދި ހަބަރެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ނިހާންގެ ސުވާލަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވީ، ކާގޯ ފެރީ މިހާރު އޮތީ މާލޭ ސަރަހައްދުގައި މުދާ ބޭލުމަށް ކަމަށާއި ކޮޗިންއަށް ގޮސް ދެން އެނބުރި އަންނާނީ އަންނަ މަހުގެ 12 ހިސާބުގައި ކަމަށެވެ. "ކާގޯ ފެރީ އިން މުދާ ގެންނަން ބޭނުން ވަނީތޯ"، އަމްރު ވެސް އެއްސެވި އެވެ.
ރާއްޖެއަށް ދަތުރު ކުރަން ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ގެނަ އެވެ. އެންމެ ގިނައީ ސިމެންތި ނަމަވެސް، އެކި ބާވަތްތަކުގެ ކާބޯތަކެތި ވެސް އެ ދަތުރުގައި ގެނަ އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓުގެ އިތުރުން މާލޭގެ ވިޔަފާރި ބަނދަރަށެވެ. ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.