އަންނަ ނޮވެމްބަރު މަހު ބާއްވާ ބޯޓިން އެވޯޑްސްގައި ކާމިޔާބުތަކެއް ހޯދަން އަލްޝާލީ މެރިން އިން އަމާޒު ހިފައިފި އެވެ.
މި އަހަރު އަލްޝާލީ މެރިން ވަނީ ހަ ކެޓަގަރީއަކުން އެވޯޑަށް ނޮމިނޭޓް ވެފަ އެވެ. އެއީ ބެސްޓް ބޯޓް ޑިޒައިން އޮފް ދަ އިޔާ، ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސަލް (5-24 މީޓަރާއި 15-40 މީޓަރު ކެޓަގަރީ)، ބޯޓް އިކުއިޕްމަންޓްސް ސަޕްލަޔާ އޮފް ދަ އިޔާ އަދި ޑޮކް ޔާޑް އޯ ސްލިޕްވޭ އޮފް ދަ އިޔާގެ އިތުރުން މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ ކެޓަގަރީންނެވެ.
މިދިޔަ އަހަރުގެ ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސަލް 15-40 މީޓަރު ކެޓަގަރީ ކާމިޔާބުކޮށްފައި ވަނީ އަލްޝާލީގެ އައިލެންޑް ހޮޕާ ޑައިވް ދޯންޏެވެ. އެއީ ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކާ އެންމެ ކޮލެޓީ ރަނގަޅު ޑައިވް ދޯނި ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ އާ އެވޯޑަކާ ދިމާލަށް މިސްރާބު ޖެހި އިރު، އެ ކުންފުނިން އާ އުޅަނދުތަކެއް ވަރަށް އަވަހަށް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަސްޓަމަރުން އަޅުގަނޑުމެންގެ މަސައްކަތްތައް ބަލައި ގަންނަކަން. މިދިޔަ އަހަރު އަޅުގަނޑުމެންނަށް އެވޯޑް ކާމިޔާބުވުން މީ އޭގެ ހެތްކެއް. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އަޅުގަނޑުމެންނާ އެކު ކަސްޓަމަރުން ތިބޭނެ ކަމަށް ވަރަށް އުންމީދުކުރަން،" ޝަރީފް ވިދާޅުވި އެވެ.
ކޯސްޓްލައިނުން ޔޫއޭއީގެ އަލްޝާލީ މެރިންއާ ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސް އަކީ މެރިން އިންޑަސްޓްރީގެ "ޓޯޓަލް ސޮލިއުޝަން"ދޭ ހަމައެކަނި ކުންފުނި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެ ކުންފުނިން އެކި ރޭންޖްތަކުގެ ލޯންޗާއި، ދޯނި ބަނުމުގެ އިތުރުން އެ ދާއިރާގެ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދެ އެވެ.
އަލްޝާލީ މެރިން އިން ދޭ ހިދުމަތްތަކުގެ ތެރޭގައި:
- ބޯޓް ޑިޒައިން ކުރުމާއި ބަނުން
- ހައުލޭޖް އެންޑް ޑޮކިން ސާވިސަސް
- ސެމީ އެންޑް ފުލް ކަސްޓަމައިޒް ސާވިސަސް
- ބޯޓް އައުޓް ފިޓިން
- ކޮމްޕްލީޓް ރިޕެއާ އެންޑް ރިފާބިޝްމަންޓް
- ޕެއިންޓިން
- އިންޖީން ކަނެކްޝަން އެންޑް ސާވިސިން ވޯކްސް
- އިލެކްޓްރިކް ވަޔަރިން ވޯކްސް
- ކާޕެންޓްރީ ވޯކްސް
ނޮވެމްބަރު މަހު އޮންނަ މޯލްޑިވްސް ބޯޓިން އެވޯޑްސް އަށް ކުރިމަތިލީ ކުންފުނިތަކަށް އޮންލައިންކޮށް ވޯޓް ލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.
އެވޯޑު ދޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ 60 ޕަސެންޓް އަދި އޮންލައިން ވޯޓުން 40 ޕަސެންޓް ހިނަމައިގެންނެވެ. އޮންލައިންކޮށް ވޯޓް ލެވޭނީ އެ އިވެންޓްގެ ރަސްމީ ވެބްސައިޓް www.boatingawards.mv އިންނެވެ.
ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޓް އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ބޯޓިން އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ސަފާރީ، ޔޮޓް އަދި ޑައިވިން ދޯނި ފަހަރުތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އެވޯޑް ދެނީ ތަފާތު 25 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
މިދިޔަ އަހަރާއި 2014 ގައި ވެސް ބޯޓިން އެވޯޑް ދީފައިވެ އެވެ.