އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ހޯދައިފި އެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުރިއަށް ގެންދިޔައިރު، އެސްޓީއޯ ވަނީ 4-1 އިން ޔުނައިޓެޑް ބީއެމްއެލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އަައްޒާމް އަދި އަލީ ހައިސަމް (ޗުމްޕު) ގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހުސެއިން ޝަރީފް (އޮންލީ) އެވެ. ބީއެމްއެލްގެ ހަމައެކަނި ގޯލު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
އެޗްޑީސީ ސެމީ އަށް ދަތުރުކުރީ 4-3 އިން އެމްޕީއެލް ބަލިކޮށްގެންނެވެ. އެޗްޑީސީގެ އަލީ އަލްސަން އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް އެމްޕީއެލްގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަލްސަން ދެވަނަ ފަހަރަށް އެޗްޑީސީ އަށް ލީޑު ހޯދައިދިނުމުން ވެސް އިއްބެ ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ފަހު ހާފު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އަބްދުﷲ ސުޒެއިރު އެޗްޑީސީ އަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިން އިރު މިނިޓެއް ތެރޭ އެޗްޑީސީ އަށް އެއްވަރު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލްސަން ވަނީ އެންމެ ފަހު މިނިޓުގައި ޕެނަލްޓިއަކުން އޭނާގެ ހެޓްރިކް ފުރިހަމަކޮށް އެޗްޑީސީ މޮޅު ކޮށްދީފަ އެވެ.
ޖުމްލަ 17 ޓީމާ އެކު ފެށި މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލަށް ހޮވުނީ ޓީމުތައް ބަހާލެވުނު ހަތަރު ގުރޫޕުން ވެސް އެންމެ ރަނގަޅު ދެ ޓީމެވެ. އެމްޕީއެލް ގުރޫޕް އޭގެ އެއްވަނަ ހޯދިއިރު ދެވަނަ ހޯދީ ސްޓެލްކޯ އެވެ. ގުރޫޕް ބީގެ އެއްވަނަ ބީއެމްއެލް ހޯދި އިރު ދެވަނައަށް ދިޔައީ އެމްއޭސީއެލް އެވެ. ގުރޫޕް ސީގެ އެއްވަނަ ޓީމަކީ އެމްޓީސީސީ އެވެ. ދެވަނަ ހޯދީ އެސްޓީއޯ އެވެ. ތިން ގުރޫޕްގެ ވެސް ގަދަ ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރު ވުމާ އެކު އެއްވަނަ އަދި ދެވަނަ ކަނޑައެޅީ ފައިދާ ގޯލުންނެވެ.
އަނެއް ތިން ގުރޫޕާ ހިލާފަށް ފަސް ޓީމު އޮތް ގުރޫޕް ޑީގެ އެއްވަނަ އާރުއާރުސީ ހޯދި އިރު ދެވަނަ ހޯދީ އެޗްޑީސީ އެވެ. މި ގުރޫޕްގެ ގަދަ ތިން ޓީމު ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ތިންވަނައާ އެކު 2023 އަދި 2024 ގެ ޗެމްޕިއަން ކްލަބް ވެމްކޯ އަށް ވަނީ ނޮކައުޓް ބުރުން ފުރުސަތު ގެއްލިފަ އެވެ.
ސީއެމްސީގެ ކުއާޓާ ފައިނަލްގައި މިރޭ ވާދަ ކުރާނީ ކްލަބް އެމްޓީސީސީ އާއި އެމްއޭސީއެލްގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތިން ހަފްތާ ކުރިން ބޭއްވި އެ މުބާރާތުގެ ފައިނަލްގައި ކްލަބް ހޯކްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްޓެލްކޯ އެވެ. އަދި މި އަހަރު މުޅިން އަލަށް ތައާރަފް ކުރި ކުޑަކުދިންގެ ފުޓްސަލް، "ކިޑްސަލް" ގެ ފައިނަލްގައި އެލީޓް އެކަޑަމީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ އެސްޕަޔާ ފުޓްބޯލް އެކަޑަމީ އެވެ.
ކްލަބް މޯލްޑިވްސް ސީޒަންގެ އިތުރު މުބާރާތްތައް ކަމަށްވާ ކްލަބް މޯލްޑިވްސް ކްލެސިކާއި އަންހެން ދެ މުބާރާތް ކަމަށްވާ އެއިޓީން ތާރީ އާއި އެއިޓީން ތާޓީ ކްލަސިކް ވެސް ކުރިއަށް އެބަ ގެންދެ އެވެ. ޖުމްލަ 19 ޓީމާ އެކު ކުރިއަށް ގެންދާ ކްލެސިކްގެ ވެސް ކުއާޓާ ފައިނަލްގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ވަނީ ހަތަރު ޓީމު ހޮވިފަ އެވެ.
ކްލެސިކްގެ ކުއާޓާގައި، މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ބިނާރާ ވަނީ 7-2 އިން އިކޮނޮމިކް މިނިސްޓްރީގެ އެމްއީޑީޓީޓީ ބަލިކޮށްފަ އެވެ. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ފިޓްނެސްގެ އެމްއޯވައިއެސްއެފް އިން ކްލަބް އެވްސެކް އާ 3-3 އިން އެއްވަރުވި މެޗު ޕެނަލްޓީގައި 5-4 އިން ކާމިޔާބު ކުރީ އެވްސެކް އެވެ. ހުޅުމާލެ ހޮސްޕިޓަލާއި ކްލަބް ބީސީސީގެ މެޗު ވެސް 3-3 އިން އެއްވަރު ވި އިރު ޕެނަލްޓީގައި ބީސީސީ ވަނީ 4-2 އިން މޮޅުވެފަ އެވެ.
ކުއާޓާފެ ފަހު މެޗުގައި ކްރިމިނަލް ކޯޓާއި ވިޒިޓް މޯލްޑިވްސް އެއްވަރުވީ 1-1 އިންނެވެ. ޕެނަލްޓީގައި 4-3 އިން މޮޅުވެ ސެމީ އަށް ދަތުރު ކުރީ ކްރިމިނަލް ކޯޓެވެ.
އެއިޓީން ތާޓީ އަންހެން މުބާރާތުގައި ތިން ޓީމު ވާދަ ކުރެ އެވެ. އެއީ ވެމްކޯ އާއި ޑީއެސްސީ އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ މެދުގައި ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވެމްކޯ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޑީއެސްސީ ވަނީ ބިސް ބުރުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އެއިޓީން ތާޓީ ކްލަސިކްގައި ނުވަ ޓީމު ވާދަ ކުރާއިރު ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ކޮންމެ ގުރޫޕަކުން ވެސް ދެ ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ.