ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން މޮޅުވެ، އީގަލްސްއިން އީގަލްސްއިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.
ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ އީގަލްސް އެވެ. އެ ޓީމު ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ޓީސީގެ ޑިފެންސުން އީގަލްސްގެ ހަމަލާތައް ވަރަށް ރަނގަޅަށް ހިފެހެއްޓި އެވެ. ނަމަވެސް، ހާފު ނިމެން އުޅެނިކޮށް 45 ވަނަ މިނެޓުގައި އީގަލްސްގެ ފޯވާޑް ވެންޑޭވް ގްބޯވިއާ ހާމަން ވަނީ ލަނޑެއް ޖަހައި އީގަލްސްއަށް ލީޑު ނަގައިދީފަ އެވެ.
ޓީސީގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މިސްރުގެ ފޯވާޑް އަމީރު ޝުއައިބު އަލް ސޯދިގް ނަގައިދިން ހިލޭ ޖެހުން، ދިޔައީ ކުޅުންތެރިންނާ އެއްހަމައެއްގަ އެވެ. ގުދުވެލާފައި ލައިބީރިއާގެ ފޯވާޑް ވެންޑޭވް ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ނަތީޖާ ހަމަހަމަކުރުމަށް ދެވަނަ ހާފަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް ޓެކްޓިކަލް ބަދަލުތަކެއް ގެނެ އެވެ. ނަތީޖާ ބަދަލުކުރެވޭތޯ މެޗުގެ ފަހުކޮޅު ޓީސީގެ ކުރިއަށް ޖެހިގެން ކުޅެން ފެށުމުން ހުސްވި ޖާގަތަކުގެ ފައިދާ އީގަލްސްއިން ވަނީ ފުރިހަމައަށް ހިފާފަ އެވެ.
އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި މާކޯ އިވާނޮވިޗް އީގަލްސްގެ ދެވަނަ ލަނޑު ޖެހި އެވެ. އެ ލަނޑަކީ ވެސް ހިލޭ ޖެހުމަކުން ތަނަވަސް ކުރި ބޯޅައިން އީގަލްސްއިން ޖެހި ލަނޑެކެވެ.
ޓީސީގެ ހާފުގެ މެދެއްހާހިސާބުން އީގަލްސްއަށް ލިބުނު ހިލޭޖެހުން، އަބްދުﷲ ސަމީހް މޫސާ (ސަމިއްޓެ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކުރިން ދަ ގްރާންޑޭއަށް ވެސް ކުޅުނު ޑިފެންޑަރު އިވޮނޮވިޗް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
އޭގެ ފަސް މިނެޓު ފަހުން، 85 ވަނަ މިނެޓުގައި ވެންޑޭވް ވަނީ އޭނާގެ ދެވަނަ ލަނޑާ އެކު ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
އީގަލްސްއިން ކޯނަރު ޒައިން ޒަފަރު ނަގައިދިނުމުން، އެ ބޯޅަ ލިބުނީ އޭރިއާތެރޭގައި ހުރި އިވަނޮވިޗްއަށެވެ. އޭނާ އެ ބޯޅަ ގޯލްގެ ކުރިމައްޗަށް ނަގައިދިނުމުން ވެންޑޭވް ފަސޭހަކަމާ އެކު ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.