ރޯމް (މާޗް 9) – ޗެމްޕިއަންސް ލީގުން ކެޓުމުން ރޯމާގެ ކޯޗުކަމުން ޔުސޭބިއޯ ޑި ފްރެންސެސްކޯ ވަކިކުރުމަށް ފަހު ސީޒަނުގެ ނިޔަލަށް ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީއާ ޓީމު ހަވާލުކޮށްފި އެވެ.
މުޅި ދުނިޔެ ހައިރާންކޮށްލައި ލެސްޓާ ސިޓީ އަށް 2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ރަނިއޭރީ ވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރުން 2011 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ރޯމާ އަށް ކޯޗުކޮށްދީފަ އެވެ.
ފުޓްބޯޅަ ކެރިއަރު 1973 ވަނަ އަހަރު ރޯމާ އިން ފެށި ކުރީގެ ޑިފެންޑަރު ބުނީ އެނބުރި ގެޔަށް އާދެވުނީތީ ވަރަށް އުފާވެފައިވާ ކަމަށާއި ރޯމާ އިން ގޮވާލުމުން ނޫނެކޭ ބުނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރޯމާގެ ކޯޗުކަމުން ޔުސޭބިއޯ ވަކިކުރިއިރު، އެ ޓީމު އޮތީ ޗެމްޕިއަންސް ލީގާއި އިޓާލިއަން ކަޕުން ކެޓުމުގެ އިތުރުން އިޓާލިއަން ލީގުގެ ފަސް ވަނައިގަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރި ޓީމު މި ފަހަރު ކެޓީ ދެ ވަނަ ބުރުން ޕޯޗުގަލްގެ ޕޯޓޯ އަތުންނެވެ. ފިއޮރެންޓީނާ އަތުން 7-1 އިން ބަލިވެ އިޓާލިއަން ކަޕުން ކެޓިއިރު މިދިޔަ ހަފުތާގައި އިޓާލިއަން ލީގުގައި ވާދަވެރި ލާޒިއޯ އަތުން ލަދުވެތިގޮތަކަށް 3-0 އިން ބަލިވީ އެވެ.
ރޯމާ އިން ވަނީ އެ ކްލަބުގެ ފުޓްބޯލް ޑިރެކްޓަރު ސްޕެއިނުގެ މޮންޗީގެ އެއްބަސްވުން ވެސް ދެ ފަރާތް އެއްބަސްވެގެން އުވާލައިފަ އެވެ. ސެވިއްޔާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި މޮންޗީ ދެން ފެނުން ގާތީ އާސެނަލުންނެވެ.
ރޯމާގެ ރައީސް ޖިމް ޕަލޮއްޓާ ވިދާޅުވީ މި ސީޒަނުގައި ކްލަބުގައި ދެން އޮތް ހަމައެކަނި އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށެވެ. އޭނާ ވިދާޅުވީ ސީޒަނުގެ މިހިސާބުން، ކްލަބް އެނގޭ، ކްލަބުގެ މާހައުލު ދަންނަ، ބަސް އެނގޭ، ކުޅުންތެރިން މޯޓިވޭޓްކުރެވޭނެ ކޯޗެއް ގެނައުން މުހިއްމު ކަމަށާއި ރަނިއޭރީ އަކީ އެ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ކޯޗެއް ކަމަށެވެ.
އިޓަލީގެ ޔުވެންޓަސް، އިންޓަ މިލާން، ނަޕޯލީ، ޕާމާ، ފިއޮރެންޓީނާ އަދި އިންގްލެންޑުގެ ޗެލްސީ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ އަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ރަނިއޭރީ، 67، އެންމެ ބޮޑު ކާމިޔާބީ އަކީ ލެސްޓާ އަށް ލީގު ކާމިޔާބުކޮށްދިނުމެވެ. އެކަމަކު ޖެހިގެން އައި ސީޒަނުގައި ނަތީޖާ ދަށްވެ ވަކިކުރުމުން ފްރާންސްގެ ނޯންޓްސް އަދި ދާދި ފަހުން އިންގްލެންޑުގެ ފުލަމް އަށް ވެސް ކޯޗުކޮށްދިނެވެ.