ރޯމް (މާޗް 24) – ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އިޓަލީ ކޯޗު ކްލައުޑިއޯ ރަނިއޭރީ އަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ހާއްސަ ޝަރަފެއް ދޭން ނިންމައިފި އެވެ.
މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު އުމުރުން 65 އަހަރުގެ ރަނިއޭރީ ލެސްޓާ އަށް ލީގު ކާމިޔާބުކޮށްދިން ނަމަވެސް މި ސީޒަނުގެ ދަށް ނަތީޖާތަކާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ރަނިއޭރީ އަށް ގޯލްޑަން ބެންޗް އެވޯޑް ދިނުން އޮންނާނީ ފްލޮރެންސުގައި ހުންނަ އިޓަލީ ގައުމީ ޓީމުގެ ޓްރެއިނިން ސެންޓަރު ކޮވެރްސިއާނޯގައި އަންނަ ހޯމަ ދުވަހު އެވެ. މި އެވޯޑަކީ އިޓާލިއަން ލީގުގެ އެންމެ މޮޅު ކޯޗަށް ދޭ އެވޯޑެއް ނަމަވެސް ރަނިއޭރީގެ އާދަޔާހިލާފު ކާމިޔާބީއާ ގުޅިގެން އޭނާ އަށް ހާއްސަ އެވޯޑެއް ދޭން ނިންމީ އެވެ.
މި އެވޯޑް މީގެ ކުރިން ހާސިލްކޮށްފައިވާ ކޯޗުންގެ ތެރޭގައި ފަބިއޯ ކަޕެއްލޯ އާއި މާސެލޯ ލިއްޕީ އާއި ކާލޯ އަންޗެލޮޓީ އާއި ލޫސިއާނޯ ސްޕެލެއްޓީ އާއި ސެސާ ޕްރެންޑެއްލީ އާއި މަސިމިލިއާނޯ އެލެގްރީ އާއި ހޯސޭ މޮރީނިއޯ އަދި ފަބިއޯ ކޮންޓޭ ހިމެނެ އެވެ. އިިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ލިއްޕީ އަށް ވެސް ދިނީ ރަނިއޭރީއަށް ދޭ ފަދަ ހާއްސަ އެވޯޑެކެވެ.
ރަނިއޭރީ ވަނީ ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑާއި ބީބީސީން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ހޯދައިފަ އެވެ.
މީގެ 30 އަހަރު ކުރިން 1986 ވަނަ އަހަރު ކޯޗިން ފެށި ރަނިއޭރީ ވަނީ އިޓަލީ އާއި ސްޕެއިން އަދި އިންގްލެންޑުގެ ބޮޑެތި ޓީމުތަކަށް އިރުޝާދުދީފަ އެވެ. އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ރޯމާ އާއި ނަޕޯލީއާ އެކު ކާމިޔާބެއް ނުހޯދުނަސް އޭނާ ވަނީ ފިއޮރެންޓީނާ އަށް އިޓަލީގެ ދެ ވަނަ ޑިވިޝަނާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާގައި ދުވަސްތަކެއް ހޭދަކުރި އިރު މީގެ ތެރެއިން ވެލެންސިއާ އަށް ޔުއެފާ އިންޓަޓޮޓޯ ކަޕާއި ސްޕެނިޝް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ. ފަހުން ގްރީސް ގައުމީ ޓީމަށް ކޯޗުކޮށްދިން އިރު 2013 ވަނަ އަހަރު މޮނާކޯ ފްރާންސުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނެވެ.
އިންގްލެންޑުގެ ޗެލްސީ އަށް 2000 އިން 2004 އަށް ކޯޗުކޮށްދިން ރަނިއޭރީ ލެސްޓާއާ ހަވާލުވީ 2015 ވަނަ އަހަރެވެ. ގްރީސްއާ އެކު އެދެވޭ ނަތީޖާއެއް ހޯދިފައިނުވާތީ ލެސްޓާ އަށް އޭނާ ގެނައުމުން ފާޑުކިޔުން އަމާޒުވި އެވެ. އެކަމަކު ރަނިއޭރީ ވަނީ އެ ޓީމަށް ލީގު ކާމިޔާބުކޮށްދީ ކެރިއަރުގައި މީގެ ކުރިން ދެވިފައިނުވާ ހިސާބަކަށް ގޮސްފަ އެވެ. ލެސްޓާގެ މި ކާމިޔާބީ އަކީ ދުނިޔޭގެ ކުޅިވަރުގެ ތާރީހު ދުށް އެންމެ ހައިރާންކުރުވަނިވި އެއް ކާމިޔާބީ އެވެ.