ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުން އަންނަ ބްރެޒިލްގެ ކޮރިންތިއަންސް އިން އެ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑް ކްލަރެންސް ސީޑޯފް ހަމަޖައްސައިފި އެވެ.

ކޯޗިންގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނެތް ކުރީގެ ހުނަރުވެރި މިޑްފީލްޑަރަށް ބްރެޒިލް ޓީމުން މަގާމު ދިނީ ޖެހިޖެހިގެން ހަތް މެޗުން ބަލިވުމުން ކޯޗު ފެނާންޑޯ ޑިނިޒް ވަކިކުރުމަށް ފަހު އެވެ.

ބާކީ ނުވަ މެޗު ކުޅެން ޖެހޭ ކޮރިންތިއަންސް މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ އެއް ޕޮއިންޓް މަތީގައި 16 ވަނައިގަ އެވެ.

ސީޑޯފް ކޯޗިން ކެރިއަރު ފެށީ އޭސީ މިލާނުންނެވެ. ނަމަވެސް ހަތަރު މަހަށް ފަހު އެ ސީޒަން ނިމުމުން މަގާމުން ވަކިކުރީ އެވެ. އޭގެ ފަހުން ޗައިނާގެ ޝެންޒެން އަށް ފަސް މަސް ދުވަހު ކޯޗުކޮށްދިނެވެ. ސްޕެއިނުގެ ޑިޕޯޓިވޯ ލަ ކަރޫނިއާ އަށް ވެސް ކޯޗުކޮށްދިނެވެ. އެކަމަކު އެ ޓީމު ރެލިގޭޓްވީ އެވެ. އެންމެ ފަހުން ކޯޗުކޮށްދިނީ ކެމަރޫން ގައުމީ ޓީމަށެވެ.

"މި މަގާމް ލިބުމަކީ ފަހުރެއް. އެއާ އެކު އެހާމެ ބޮޑު ޒިންމާއެއް ވެސް މެ،" ސީޑޯފް ބުންޏެވެ.

ސީޑޯފް ވަނީ ކެރިއަރުގެ ފަހުކޮޅު ބްރެޒިލް ލީގުގެ ބޮޓަފޯގޯ އަށް ކުޅެފަ އެވެ. ނެދަލެންޑްސްގެ އަޔަކްސް އާއި، ސްޕެއިނުގެ ރެއާލް މެޑްރިޑާއި، އިޓަލީގެ އޭސީ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސީޑޯފަކީ ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.