ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް ހުތުރުބަހުން ފޭސްބުކްގައި ޕޯސްޓްތަކެއް ޝެއާ ކުރި ކަމަށް ބުނެ ށ. މިލަންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ ބަލަނީ، ސިއްހީ މަރުކަޒުގެ އެމްބިއުލާންސްގެ ޑްރައިވަރުގެ އެވެ.
މިލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެތަނުގެ މުވައްޒަފެއްގެ މައްސަލަ ބަލަން ހެލްތު މިނިސްޓްރީން ނޯޓިސް ފޮނުވީ، އެ މުވައްޒަފު އޭނާގެ ފޭސްބުކް އެކައުންޓުގައި ރައީސާއި އަނބިކަނބަލުންނާ ބޭއަދަބީ ބަހުން މުހާތަބުކޮށް ޝެއާކޮށްފައި ހުރި ޕޯސްޓްތަކަކާ ގުޅިގެން ކަމަށެވެ. އަދި އެއީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އަހުލާގީ މިންގަނޑާ ހިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި މިނިސްޓްރީގެ އިތުރުން އެ އިދާރާ ވެސް ބަދުނާމުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ސިއްހީ މަރުކަޒުން މުވައްޒަފުގެ ބަޔާން ނެގުމުން އެއީ އޭނާގެ އެކައުންޓެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އޭނާ އަށް ޖަވާބުދާރީވުމަށް 15 ދުވަސް ލިބޭނެ. އޭގެ ފަހުން ވަޒީފާއިން ވަކިކުރާނީތޯ ނޫންތޯ ވެސް،" ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ޕާމަންންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު ވިދާޅުވީ މިނިސްޓްރީގެ އެތެރޭގެ ކަންކަމާ ގުޅޭ މިފަދަ މައުލޫމާތު މީޑިއާއަށް އާއްމު ނުކުރާ ކަމަށާއި އެކަމަކު މުވައްޒަފަކާ މެދު ފިޔަވަޅެއް އެޅި ނަމަ އެކަން ކުރާނީ އުސޫލުތަކުގެ ދަށުން ކަމަށެވެ.
"ސިވިލް ސާވިސްގެ މުވައްޒަފުން އުޅެން ޖެހޭނެ ވަކި ގޮތްތަކެއް ވާނީ ގަވައިދުގައި ކަނޑައަޅާފައި. އެގޮތްތަކާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ،" މައްސަލައިގެ އިތުރު ތަފްސީލު ނުދެއްވައި އޭނާ ވިދާޅުވި އެވެ.