އެއް ހޯލެއްގައި ގިނަ ކުދިން ބައިތިއްބައިގެން ހިތާނީ ޕާޓީތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު މަނާކޮށްފި އެވެ.

"ކޮވިޑް-19 ޕެންޑެމިކް ހާލަތުގައި ކުދިން ހިތާނުކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތްތައް" ނަމުުގައި އެޗްޕީއޭ އިން ނެރުނު އުސޫލުގައި ބުނެފައި ވަނީ ހިތާނީ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، ބޮޑެތި ހޯލް ފަދަ ތަންތަނުގައި ގިނަ ކުދިން ބައިތިއްބައިގެން ނުވާނެ ކަމަށެވެ. އަދި އެއް ގެއެއްގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ބައިތިއްބާ ނަމަ، އެއް ގެއެއްގައި ދިރިއުޅޭ ކުދިން އެކަނި ބައިތިއްބަން އެންގި އެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށެއް ނަމަ އެ ރަށެއްގައި މި އުސޫލަށް އަމަލުކުރަން ޖެހޭނެ އެވެ.

ހިތާނުކޮށްފައިވާ ކުދިން ބައިތިއްބާ ތަންތަނުގެ ސާފުތާހިރުކަން ދަމަހައްޓަންވާނެ ކަމަށާއި ގެއަކަށް ޒިޔާރަތްކުރާ މީހުން ތިން ފޫޓު ދުރުމިނުގައި ތިބެވޭނެ ގޮތް ހަމަޖައްސައި އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ގައިޑްލައިންގައިވެ އެވެ.

މީގެ އިތުރުން މިއުޒިކް ޝޯ އާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން ވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. އަދި ގޭގެއަށް މީހުން ޒިޔާރަތްކުރާ ނަމަ އެއްފަހަރާ ގިނަ ބަޔަކު ނުގެނެއުމަށާއި ގިނަ ވަގުތު މަޑުނުކުރުމަށް ބާރު އަޅަން ވެސް ވަނީ އަންގައިފަ އެވެ.

މިހާތަނަށް ރާއްޖެއިން 12،009 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ހޯދަމުން އަންނަނީ 837 މީހުންނެވެ. މި ބަލި ޖެހިގެން 41 މީހަކު ވަނީ މަރުވެފަ އެވެ.