މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްޓިއަން ދީނުގެ ފެސްޓިވަލެއް ކަމަށްވާ ކްރިސްމަސް ފާހަގަ ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިރޭ ދީފި އެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުން މަނާ ކަމެއްކަން ފުލުހުން ހަނދާންކޮށްދިނެވެ.

"ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

މީގެ ކުރިން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަ ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެފަދަ ހަރަކާތްތައް ފުލުހުން ހުއްޓުވާފައި ވެސް ވެ އެވެ.

ކްރިސްމަސްއާ ދިމާކޮށް ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް ގިނަ އަދަދެއްގެ ގެސްޓުން ޒިޔާރަތްކުރެ އެވެ. ރާއްޖޭގެ ރިސޯޓްތަކުގައި ކްރިސްމަސް ވަރަށް ކުލަގަދަކޮށް ކޮންމެ އަހަރަކު ވެސް ފާހަގަކުރެ އެވެ.