ހިޔާގެ ހަވަނަ ޓަވަރުގެ މެއިލްބޮކްސް އަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތައް އެެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯގައި ފެންނަނީ ބޭރުގެ ދެ އަންހެނަކު ހިޔާ ފްލެޓުގައި ހުންނަ މެއިލް ބޮކްސް ކައިރީގައި ދަބަހެއް ހިފައިގެން ތިބޭ މަންޒަރެވެ.

އެމީހުންގެ ފަހަތުން ނަގާފައިވާ އެ ފޮޓޯއާ އެކު، ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޖަރުމަނަށް ނިސްބަތްވާ އެ މީހުން ދިވެހި ބައިބަލް އާއި ޖީސަސްގެ ދިވެހި ތަރުޖަމާއަށް ވަދެވޭ ވެބްސައިޓުތަކެއްގެ ކިއުއާރު ކޯޑު ހިމެނޭ ގަނޑުކޮޅުތަކެއް މެއިލް ބޮކްސްއަށް އަޅާފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އެ މީހުން ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުން އަންނަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގާނޫނާއި ހިލާފު ލިޔުންތަކެއް އެޅި މައްސަލައިގަ އެވެ. މިއީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި ދެ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.