އެމެރިކާގައި މަޝްހޫރު، ނަސާރާ ދީނުގެ އިސް ފާދިރީއެއް ކަމަށްވާ ހިލަރިއަން ހޭގީ އިސްލާމްވެއްޖެ އެވެ.
ރަޝިއާގެ އޯތޮޑޮކްސް މޮންކެއްގެ ގޮތުގައި ވެސް އުޅުނު ހޭގީ އަކީ އޭނާއަށް ތަބާވާ މީހުންގެ އިހުތިރާމް ވަރަށް ބޮޑަށް ލިބިފައިވާ މީހެކެވެ.
އިސްލާމް ވުމަށް ފަހު ހޭގީގެ ނަން ވަނީ ސައީދު އަބްދުއްލަތީފްގެ ނަމަށް ބަދަލުކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި، އިސްލާމް ދީން ގަބޫލުކުރުމުން އޭނާގެ އަސްލު ވަޒަނަށް އެނބުރި އާދެވުނު ކަމުގެ އިހްސާސްކުރެވެ އެވެ.
އޭނާ ބުނީ އިސްލާމްދީން ގަބޫލުކުރުމާ އެކު މުސްލިމުން އޭނާ ބަލައިގަތީ ވަރަށް ފުރިހަމަ މެހެމާންދާރީއަކާއި އިހްތިރާމާ އެކުގައި ކަމަށެވެ. މިއީ އޭނާ ދުވަހަކު ވެސް ތަޖުރިބާ ނުކުރާ ފަދަ މެހެމާންދާރީއެއް ކަމަށް ބުނެފައިވެ އެވެ.
"މުސްތަގުބަލްގައި ވާނެ ގޮތެއް އަހަންނަކަށް ނޭނގެ. އާ ކަމެއްގެ ތެރެއަށް ދާއިރު ބިރުވެރިކަން އިހުސާސްކުރެވޭނެ. އެކަމަކު، އަހަންނަށް ލިބުނީ ހަމަޖެހުން. އުފާވެރިކަން. 20 އަހަރުގެ ދިގު ދަތުރަކަށް ފަހު އިސްލާމް ދީނަށް އައުމުގެ ލުއި ލިބިއްޖެ. ދެން އޮތީ އީމާންތެރިކަން އިތުރުކޮށް ވަރުގަދަކުރުން. ދީނަށާއި، އުންމަތަށް އަދި ރަސޫލާއަށް ވަފާތެރިވުން،" އޭނާގެ ބްލޮގްގައި ލިޔެފައި އޮތެވެ.
އިސްލާމް ދީން ގަބޫލުކުރިކަން އާންމުކުރި ހިސާބުން ފެށިގެން ހޭގީގެ ފޯނަށް ހުއްޓުމެއް ނެތި ގިނަ އަދަދެއްގެ މެސެޖާއި ކޯލުތައް އަންނަނީ ލިބެމުންނެވެ. އޭގެތެރެއިން ގިނަ މީހުން ބޭނުންވީ ނަސާރާ ދީން ދޫކޮށް އިސްލާމް ދީން ހިޔާރުކުރީ ކީއްވެތޯ ބެލުމަށެވެ.
އެ ހަބަރާ އެކު ސޯޝަލް މީޑިއާގަައި މުސްލިމުން އޭނާ އަށް މަރުހަބާ ކިޔާފައިވެ އެވެ.