ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުން ދިޔަ ގައުމު، ޗައިނާ އިން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ފްލައިޓްތައް ޝެޑިއުލްކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ ތެރޭގައި ހޮންގް ކޮންގް އެއާލައިނާއި ޗައިނާ އީސްޓާން އެއާލައިން އާއި ބެއިޖިން ކެޕިޓަލް އިން ދަތުރުތައް ރާއްޖެ އަށް ފަށާނެ ކަމަށެވެ.

ހޮންގް ކޮންގް އެއާލައިން އިން ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ސްލޮޓް ހޯދައިފަ އެވެ. އެ އެއާލައިންގެ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ފަހަރު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއޭސީއެލް އިން ބުނީ މި މަހުގެ 18 އިން ފެބްރުއަރީ 22 ގެ ނިޔަލަށް ބެއިޖިން ކެޕިޓަލް އެއާލައިންގެ ހަތަރު ޗާޓާ ފްލައިޓް ބާއްވާނެ ކަމަށެވެ. އެއާބަސް މަރުކާ ބޯޓުތަކުގައި ކުރާ އެ ދަތުރުތަކުގައި ކޮންމެ ފްލައިޓަކުން 300 ފަސިންޖަރުން ދަތުރު ކުރާނެ އެވެ.

ޗައިނާ އީސްޓާން އެއާލައިނުން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެއާލައިނުން ކޮންމެ ހަފްތާއަކު އެއް ދުވަހު ރާއްޖެ އަށް ދަތުރުތައް ކުރާނެ އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ޗައިނާ މާކެޓު ހުޅުވިއްޖެ ނަމަ، އަންދާޒާ ކުރާ ވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން އަންނާނެ އެވެ.