ކޮވިޑް-19އާ ގުޅިގެން މީގެ ދެ އަހަރު ކުރިން މެދުކަނޑާލި، ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަފީރު ވާންގް ލިޖިން ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އަކީ ޗައިނާގެ ޓޫރިސްޓުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލް ކަމަށާއި އަދި ކޮވިޑް-19ގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނާތީ ވަރަށް އަވަހަށް އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އަަންނަން އަލުން ފަށާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ދަތުރުކުރާ ޓޫރިސްޓުންނާއި ދަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ،" ސަފީރު ވިދާޅުވި އެވެ.

"ރާއްޖެ-ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތް ވެސް އެބަކުރެވޭ. އަޅުގަނޑުމެން އުއްމީދުކުރަނީ އަންނަ މަހު އެ ދަތުރުތައް ފެށޭނެ ކަމަށް."

ކޮވިޑް-19ގެ ކުރިން ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. އެކަމަކު، ޗައިނާގައި ކޮވިޑްގެ ހާލަތު ދިގުލައިގެން ގޮސް، މިދިޔަ ދެ އަހަރު އެ ގައުމުން ރާއްޖެ އަށް ޓޫރިސްޓުން އައުން އޮތީ އެއްކޮށް މެދުކެނޑިފަ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުން ވެސް މި އަހަރު ފާހަގަކުރާއިރު، އެ އިންޓަވިއުގައި ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. ސިއްހީ ދާއިރާ އާއި ތިމާވެއްޓާއި އިގުތިސާދާއި ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެ އަށް ދޭ އެހީތައް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.