ޗައިނާ އެމްބަސީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޕީސީއާރު މެޝިނާއި ކޮވިޑް ޓެސްޓް ކިޓް ހަދިޔާ ކޮށްފި އެވެ.

އެ ތަކެތި އެ ހޮސްޕިޓަލާ ހަވާލު ކުރެއްވީ ޗައިނާ އެމްބެސެޑަރު ވަންގް ލިޝިންގް އެވެ. ޓްރީ ޓޮޕްގެ ފަރާތުން ތަކެއްޗާ ހަވާލުވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު އާއި ސީއޯއޯ އާދިލް މޫސާ އެވެ.

ޓްރީ ޓޮޕްގެ ފަރާތުން ސީއޯއޯ އާދިލް މޫސާ (ވ)  ޗައިނާގެ އެމްބެސަޑަރު ވަންގް ލިޝިންގް އަށް ހަނދާނީ ފިލައެއް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޓްރީ ޓޮޕްގެ ފަރާތުން ސީއޯއޯ އާދިލް މޫސާ (ވ) ޗައިނާގެ އެމްބެސަޑަރު ވަންގް ލިޝިންގް އަށް ހަނދާނީ ފިލައެއް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވަނީ ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ދޭ އެކި ވަސީލަތްތަކާއި އެހީތައް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައި އެވެ. އަދި ކޮވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެ ގައުމުން ވެދިން އެހީތެރިކަން ވެސް ފާހަގަކުރެއްވި އެވެ.

ޓްރީ ޓޮޕްގެ އެމްޑީ އަހުމަދު ނަޒީރު ވަނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތެއް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހޮސްޕިޓަލަކީ ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ހަތަރު ކުންފުންޏެއްގެ ތަސައްވުރާއި އިންވެސްޓްމަންޓުން އުފެދުނު ކުންފުންޏެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރީ ޓޮޕްގައި އޮތް އެ ރަސްމިއްޔާތުގައި ޗައިނާ އެމްބެސެޑަރު ވަންގް ލިޝިންގް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ގައުމުން އަބަދުވެސް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް ޓެސްޓު ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.