ޗައިނާ ޓޫރިސްޓުން އަންނަ މަހު ރާއްޖެއަށް އަންނަން ފަށާނެ ކަމަށާއި އެ ގައުމުގައި ރާއްޖޭގެ މަގްބޫލުކަން އަދިވެސް ފަނޑު ނުވާ ކަމަަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ވެގްލް ލިޒިން ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން އަންނަން އަލުން މި ފަށަނީ ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ، ކޮވިޑަށް ފަހު ޗައިނާ އަލުން ހުޅުވާލުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ، ޗައިނާ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރަން އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމުން އަނެއްކާ ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަކީ ޗައިނާގެ މެދުގައި އެންމެ މަގްބޫލު އެއް ޖަޒީރާ ރަށްތައް ހިމެނޭ ގައުމު ކަމަށެވެ.

އޭނާ ވިދާޅުވީ، ޗައިނާ ޓޫރިސްޓުންނަށް ރާއްޖެ އަށް އައުމުގެ ފުރުސަތު ހުޅުވާލެވުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ޑައިރެކްޓް ފްލައިޓްތައް ޝެޑިއުލްކޮށް ފެށުމަށް ވަގުތުކޮޅެއް ނަގާނެ. ޗައިނާގެ އީސްޓާން އެއާލައިން އިން އަންނަނީ ދަތުރުތައް ފެށުމަށް މިހާރު ވެސް ތައްޔާރުވަމުން،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް 50 އަހްރު ފުރުން ފާހަގަކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ދުވުމެއްގައި އެމްބެސެޑަރު ބައިވެރިވެ ވަޑައިގަންނަވަނީ
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް 50 އަހްރު ފުރުން ފާހަގަކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ދުވުމެއްގައި އެމްބެސެޑަރު ބައިވެރިވެ ވަޑައިގަންނަވަނީ

އޭނާ ވިދާޅުވީ، މޯލްޑިވިއަން އެއާލައިން ވެސް ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަން އެނގިފައިވާ ކަމަށެވެ.

"ޗައިނާގެ މެދުގައި ރާއްޖެއަކީ މަގްބޫލު މަންޒިލެއް. އެހާ ގިނަ ބަޔަކު މި ގައުމަށް މިހާރު ދަތުރު ވެސް ވަނީ ކޮށްފައި. އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަމުން އަންނާތީ، މި ގައުމުގެ ރައްޔިތުން ރާއްޖެ މަތިން ހަނދާނެއް ނުނެތޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ތިން އަހަރު ފަހުން ޗައިނާ އިން ރާއްޖެ އަށް ޓޫރިސްޓުން ފެށި ނަމަވެސް، އެ ގައުމުން އަންނަ ޓޫރިސްޓުން މަދު ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، ކުރީގެ އަދަދުތަކާ ހަމައަށް ދިއުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، އަންނަ އަހަރު ޗައިނާ މާކެޓު ހުޅުވިއްޖެ ނަމަ، އަންދާޒާ ކުރާ ވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށެވެ.