ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޭޑިއަމެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ވަނީ ސީމެކްއާ އެކު ހުޅުމާލޭގައި އޮލިމްޕިކް ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ފުރަތަމަ ފަހަރަށް ސޮއި ކުރައްވައިފަ އެވެ. އެ ފަހަރު ސޮއިކުރީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއާ ގުޅޭ އެންމެހައި ދިރާސާކޮށް އެ ކުންފުނިން ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހޭ ގޮތަށެވެ. އެކަމަކު ކޮވިޑާ ހެދި އެ ކަންތައްތައް ކުރިއަށް ގެންދެވިފައި ނުވާތީ އަލުން އެއްބަސްވުމުގައި ސޮއިކުރީ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އޮލިމްޕިކް ސްޓޭޑިއަމްގެ ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި ސީމެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ރިޕްރެޒެންޓޭޓިވް ލިއު ޒައިއާޑޯ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ބިޑް މިދިޔަ އަހަރު ކާމިޔާބުކޮށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ ޕްލޭންތައް ހަދަމުން ދަނިކޮށް ޗައިނާގެ ސީމެކް އިން "ދި ކޮރަލް" ނަމުގައި ހުށަހެޅި ޕްރޮޕޯސަލަކީ ގާތްގަނޑަކަށް 20،000 މީހުންގެ ޖާގައިގެ އިންޓަނޭޝަނަލް އޮލިމްޕިކް ސްޓޭޑިއަމެއް އަޅާށެވެ. ފުޓްބޯޅަ ދަނޑެއްގެ އިތުރުން ސިންތެޓިކް ރޭސް ޓްރެކަކާއި ކުޅިވަރުގެ އެހެން ހަރަކާތްތައް ބޭއްވޭނެ އިންތިޒާމު ވެސް މި ދަނޑުގައި ހަމަޖެހިގެންދާނެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިސާ ހޯދުމުގެ ގޮތުން ސީމެކްއާ އެކު ވެވުނު އެގްރީމެންޓެކެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ހަގީގަތުގައި މިދިޔަ އަހަރު ކުރަން ހަމަޖެހިފައިވާ މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް މުޅި ދުނިޔޭގެ ހުރިހާ ކަމަކަށް ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމުގެ ތެރޭގައި މި ކަމަށް ވެސް ލަސްތަކެއް އައީ ކަމަށެވެ. އޭނާ ވިދާޅުވީ ހަ މަސް ދުވަހުގެ ތެރޭގައި މި ފްރޭމްވޯކް އެގްރީމެންޓްގެ މަސައްކަތް ނިމި ދެން ހުރި މަރުހަލާތަކަށް ގޮސް އަންނަ އަހަރު ސްޓޭޑިއަމްގެ އަަމަލީ މަސައްކަތް ފެށޭތޯ ބެލުމަކީ ޓާގެޓް ކަމަށެވެ.
"ހަ މަސް ދުވަސް ތެރޭގައި މި ފްރޭމްވޯކް އެގްރީމަންޓްގެ މަސައްކަތްތައް ނިމި، މި ޕްރޮޖެކްޓަށް ޗައިނާގެ ކޮންސެޝަނަލް ލޯންގެ ތެރެއިން މި ޕްރޮޖެކްޓް ފެށިގެންދާނެ. އުއްމީދަކީ އަންނަ އަހަރު މަސައްކަތް ފެށުން،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މި މަސައްކަތުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ވެސް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި ތިން ފަރާތް ގުޅިގެން މި ޕްރޮޖެކްޓް އަވަހަށް ކުރިއަށްދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ސީމެކް އަކީ ރާއްޖެ އަށް އާ ކުންފުންޏެއް ނޫން. އަޅުގަނޑުމެން ސީމެކްއާ އެކު 2009 ވަނަ އަހަރު ވެސް މަސައްކަތްކުރިން. އޭގެ ފަހުން ވެސް އެތައް ޕްރޮޖެކްޓެއްގައި މަސައްކަތްތައްކޮށް މިހާރު އެ މަސައްކަތްތައް އެ ހުރީ ފެންނަން. އުއްމީދަކީ މި ސްޓޭޑިއަމްގެ މަސައްކަތްތައް ވެސް ހަލުވި ދުވެއްޔެއްގައި ގޮސް އަންނަ އަހަރު ބިންގާ އެޅޭވަރުވުން،" އަސްލަމް ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ވިދާޅުވީ ހުރިހާ ދާއިރާ އަކުން ރާއްޖެ ތަރައްގީ ކުރުމުގައި އެހީތެރިވުމަކީ ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އެ ގޮތުން ކުޅިވަރުގެ ދާއިރާއިން މީގެ ކުރިން ވެސް ދިވެހި އެތުލީޓުންނަށް އެކި ފުރުސަތުތައް ފަހިކޮށްދޭން ޗައިނާ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަން ޒޭން ފާހަގަކުރެއްވި އެވެ.
"އަހަރެމެންގެ މި އެކުވެރި ގުޅުމުގެ ތެރެއިން ޗައިނާ އިން ބޭނުންވަނީ ހުރިހާ ދާއިރާ އަކުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށްވާން. މީގެ ކުރިން ވެސް ޗައިނާ އިން ވާނެ ރާއްޖޭގެ ބާސްކެޓް ޓީމާއި އެހެނިހެން އިންޑިވިޖުއަލް ކުޅުންތެރިންގެ ކަންތައްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި. މުސްތަގުބަލުގައި ވެސް އެ ފަދަ ފުރުސަތުތަކުގައި ވީ އެންމެ ކައިރިން މަސައްކަތްކުރާނަން. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި މި ސްޓޭޑިއަމް ޕްރޮޖެކްޓް ވެސް މި އޮތީ،" ޒޭންގް ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމް އެޅުމުގެ އެކި މަރުހަލާތަކުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މީގެ ކުރިން ގަތަރު ސަރުކާރުން ވެސް ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅައިދޭ ވާހަކަ ދެކެވުނެވެ. ގަަތަރުގެ ސަރުކާރުގެ އިންވެސްޓްމަންޓް ޕްލޭނެއްގެ ތެރެއިން ހުޅުމާލޭގައި ސްޓޭޑިއަމެއް އަޅަން ނިންމާފައިވާކަން އިއުލާނުކުރީ 2016 ވަނަ އަހަރުގެ އުރީދޫ އިވެންޓެއްގެ ތެރެއިންނެވެ. އެކަމަކު އޭގެ ފަހުން ރާއްޖޭގެ ކުރީގެ ސަރުކާރުން ގަތަރާ ގުޅުން ކަނޑާލުމުން އެ ސްޓޭޑިއަމްގެ ވާހަކަތައް މަޑުޖެހުނެވެ. އެހެން ނަމަވެސް މި ސަރުކާރުން އަލުން ގަތަރާ ގުޅުން ރަނގަޅުކުރުމާ އެކު މިދިޔަ އަހަރު އަލުން ސްޓޭޑިއަމްގެ ވާހަކަ ދެކެވުނު ނަމަވެސް އަނެއްކާ ވެސް އެކަން އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
ހުޅުމާލޭގައި މި ވަގުތު ވެސް އެއް ސްޓޭޑިއަމެއް އެބަހުއްޓެވެ. ސިންތެޓިކް ޓްރެކާ އެކު މިހާރު ހުރި ސްޓޭޑިއަމްގެ ވިނަގަނޑު ތަރައްގީކޮށް އެ ތަނުގައި ފުޓްބޯޅަ ކުޅުމުގެ މަޝްވަރާތަކެއް ކުރިއަށްދިޔަ އެވެ. އެކަމަކު ކޮވިޑާ ހެދި އެ މަސައްކަތަށް ވެސް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.