ރާއްޖޭގެ 100 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ކުންމިން ފެއާ ޗައިނާގައި މިއަދު ފަށައިފި އެވެ.

"ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ"ގައި މި ފަހަރު ވަނީ ރާއްޖެ އަށް "ކަންޓްރީ އޮފް އޮނާ"ގެ މަގާމު ދީފަ އެވެ.

ފެއާ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޕެވިލިއަން ވެސް ވަނީ ހުޅުވާފަ އެވެ. އެ ތަން ހުޅުވައި ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ޗައިނާ އަށް ވަޑައިގެން އުޅުއްވާ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޗައިނާގެ ސްޓޭޓް ކައުންސިލްގެ ނައިބު ވެން އެވެ.

މީގެ އިތުރުން، މި ފެއާގައި ހިމެނޭ ބިޒްނަސް ފޯރަމް ހުޅުއްވައި ދެއްވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަގުރީރު ކުރެއްވި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހަ ދުވަހުގެ މި ފެއާގައި ބައިވެރިވާ ދިވެހި ވަފުދުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ދިވެހި ވިޔަފާރިވެރިން ހިމެނޭއިރު، އެ ފަރާތްތަކުން ރާއްޖެ އަށް ލިބިފައިވާ 6،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދުގައި ދިވެހި އުފެއްދުންތަކާއި ސަގާފީ ހުށަހެޅުންތައް ދައްކާލާނެ ކަމަށް އެ ތަނުން ބުންޏެވެ.

އެމްއެމްޕީއާރުސީން ބައިވެރި ވަނީ، އެ ކުންފުނިން ބުނި ގޮތުގައި، އަލަށް ތައާރަފް ކުރި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބައިގަ އެވެ. ވަކިން ހުންނަ މި ސްޓޭންޑުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ނުވަ ކުންފުންޏަކުން 17 މަންދޫބުން ބައިވެރިވާ ކަމަށް އެ ތަނުން ބުންޏެވެ.

މިއީ ކުންމިން ފެއާ ބާއްވާ ހަތަރު ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފެއާގައި ވެސް ރާއްޖޭން ބައިވެރިވި އެވެ. މި އަހަރުގެ ފެެއާގައި 8،000 އަށް ވުރެ ސްޓޯލް ބައިވެރިކޮށްފައިވެ އެވެ.