ސައިބަ ސްކޭމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކުގައި ބޭނުންކުރާ މުއާސަލާތީ ސާމާނުތަކެއް ވަގަށް އެތެރެކުރަން އުޅުނު ޗައިނާގެ ނުވަ މީހަކު، ސްރީ ލަންކާގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ކަސްޓަމްސް އިން ބުނެފި އެވެ.

މި މީހުން ހައްޔަރުކޮށްފައި މިވަނީ، ލަންކާގެ ހުޅަނގު އުތުރު ސަރަހައްދެއްގައި ހުންނަ ހޮޓަލެއްގައި ތިބެގެން ސައިބަ ސްކޭމް އޮޕަރޭޝަނެއް ހިންގި ކަމުގެ ތުހުމަތުގައި، ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭހެން އެކި ގައުމުތަކުގެ 152 މީހަކު ފުލުހުން ހައްޔަރުކުރިތާ ދެ ހަފުތާ ފަހުންނެވެ.

މި މީހުން ހަައްޔަރުކުރުމާ އެކު، ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ބުނީ، އެ ގައުމުގެ ރައްޔިތުން ލަންކާގައި ތިބެގެން މިފަދަ އޮޕަރޭޝަންތައް ހިންގުން ހުއްޓުވުމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއާޕޯޓުން ހިފެހެއްޓި ތަކެތީގެ ތެރޭގައި، ބޭނުންކޮށްފައިވާ 383 މޯބައިލް ފޯނާއި، 101 ޓެބްލެޓް ކޮމްޕިއުޓަރާއި، ހަ ވައިފައި ރައުޓަރާއި ޖީޕީއެސް ޓްރެކަރުތައް ހިމެނޭ ކަމަށް ކަސްޓަމްސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

"މި ތަކެތި ހުރީ ތުހުމަތުކުރެވޭ މީހުންގެ ހަށިގަނޑުގައި ޓޭޕް އަޅައިގެން ހަރުކޮށްފައި،" ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ތަކެތީގެ އަގު ގާތްގަނޑަކަށް 24 މިލިއަން ރުޕީޒް (78،000 ޑޮލަރު) އަށް އަރަ އެވެ.

އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބުނާ ގޮތުގައި، ރާވައިގެން ކުށްކުރާ ގްރޫޕްތަކުން ދަނީ ދެކުނު އިރުމަތީ އޭޝިއާގެ ކެސިނޯތަކާއި، ހޮޓާތަކާއި، ސަލާމަތީ ކަންތައް ރަނގަޅަސް ހުންނަ އިމާރާތްތައް ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ އިންވެސްޓްމަންޓް ސްކީމްތަކާއި ލޯބީގެ ނަމުގައި ފޭކް ގުޅުންތައް އުފައްދައިގެން މީހުންގެ އަތުން ފައިސާ ފޭރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި އަހަރު މި ކަންކަމާ ދެކޮޅަށް ވަރުގަދަށް މަސައްކަތް ފެށި އިރު، މި ސަރަހައްދަކީ ބިލިއަނުން އާމްދަނީ ހޯދާ އިންޓަނެޓް ސްކޭމް އިންޑަސްޓްރީގެ މައި މަރުކަޒެވެ. މީގެ ތެރޭގައި ހިއުމަންޓްރެފިކިންގެ ޝިކާރައަކަށް ހަދައި މަޖުބޫރުކުރުވައިގެން މި މަސައްކަތުގެ ތެރެއަށް ވައްދާފައިވާ މީހުންނާއި، އަމިއްލަ އިހުތިޔާރުގައި އެކަން ކުރާ އެތައް ހާސް ބަޔަކު ދަނީ ދުނިޔޭގެ އެކި ކޮޅުތަކުގައި، އިންޓަނެޓްގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުންނެވެ.

"ސްރީ ލަންކާގެ މުއާސަލާތީ އޮނިގަނޑު ތަރައްގީވެފައި އޮތުމާއި، އޮންނަ ސަރަހައްދާއި ވިސާގެ އުސޫލުތައް ލުއިވުމުގެ ސަބަބުން، ބައެއް ޓެލެކޮމް ފްރޯޑް ގްރޫޕްތައް ވަނީ ލަންކާއަށް ބަދަލުވެފައި،" ޗައިނާ އެމްބަސީން ދާދި ފަހުން ބުނެފައިވެ އެވެ.

އެމްބަސީން ބުނީ، ލަންކާގައި މިފަދަ މައްސަލަތައް އިތުރުވަމުންދަނީ އެ ސަބަބާ ހުރެ ކަމަށާއި، މި ސްކޭމަރުން އަމާޒުކުރަނީ ޗައިނާގައި ތިބޭ އެ ގައުމުގެ ރައްޔިތުންނަށް ކަމަށެވެ. -- އޭއެފްޕީ